ހދ. ނޮޅިވަރަމު އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން ދަނީ އެ ރަށު ޒަމާނީވިލާ އަޒުރާ އަބުދުއްލަތީފު،28، ކަމަށެވެ.

ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަލީ ނާޒިމް ވިދާޅުވީ އަޒުރާ ގެއްލިގެން އޭނާގެ ފިރިމީހާގެ އާއިލާ އިން ރަށު ކައުންސިލަށް އެންގީ މިއަދު ހެނދުނު 9:15 ހާއިރު ކަމަށެވެ.

"މައުލޫމާތު ލިބުނީ އޭނާގެ މަންމަ އާއި ދެ މީހުން ކުރި ޒުވާބަކަށް ފަހު މިދަނީ މަރުވާށޭ ކިޔާފަ ގެއިން ނުކުމެގެން ދިޔައީ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ ރަށުގެ ރައްޔިތުން ނުކުމެ އަޒުރާ ހޯދަމުން އަންނަ ކަމަށާއި މިހާރު ވަލުތެރެއާއި އެއްކޮށް މުޅިރަށް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާގެ ހަބަރެއް އަދިވެފައިނުވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އަޒުރާ ގެއްލިގެން ހޯދަމުން އަންނަ އިރު އޭނާގެ ކުޑަ ދެކުދިން އެބަތިއްބެ އެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްކެވެ.