01 May 2023, 10:28
މި ނިމުނު އޭޕްރީލް މަހު ފެށުނުތާ ކައިރީގައި އެކްޓަރު ސަލްމާން ޚާންއަށް ލިބުނު މަރުގެ އިންޒާރާ އެކު އެކްޓަރުގެ ސެކިއުރިޓީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފިއެވެ.
އިންޑިއާގެ ރާޖަސްތާނަށް ނިސްބަތްވާ މީހެއްގެ ފަރާތުން ސަލްމާނަށް ފޮނުވި މަރުގެ އިންޒާރުގައި ބުނެފައިވަނީ އޭޕްރީލް މަހުގެ 30ވަނަ ދުވަހު އެކްޓަރު މަރައިލާނެ ކަމަށެވެ. ރާޖަސްތާނަށް ނިސްބަތްވާ މި މީހާ މަރުގެ އިންޒާރު ދީފައިވަނީ މުމްބައީ ޕޮލިސް ކޮންޓްރޯލް ރޫމް މެދުވެރިކޮށެވެ.
މިއީ ސަލްމާން ޚާނަށް މަރުގެ އިންޒާރު ލިބުނު ފުރަތަމަ ފަހަރު ނޫން ކަމަށްވެފައި ކައިރި ކައިރީގައި މިފަދަ އިންޒާރުތައް ލިބެމުން ދިއުމާ ގުޅިގެން އެކްޓަރުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.
ދާދި ފަހުން ދުބާއީގައި ކުރިއަށް ދިޔަ ހަފުލާއެއްގައި ވާހަކަދައްކަމުން އެކްޓަރު ބުނީ، އެކްޓަރަށް އިންޑިއާގެ މުމްބާއީ ފުލުހުންގެ ފަރާތުން އިތުރަށް ސެކިއުރިޓީ ވަރުގަދަކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. މުމްބައީ ފުލުހުންގެ ޚާއްޞަ ޓީމަކުން ސަލްމާން ޚާންގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ އެންމެ ފުރަތަމަ ނަގާފައިވަނީ ޕަންޖާބަށް ނިސްބަތްވާ ލޯރެންސް ބިޝްނޮއީގެ ފަރާތުން ލިބުނު މަރުގެ އިންޒާރުގެ ސިޓީއަކާ ގުޅިގެންނެވެ.
މި އިންޒާރުތަކާ ހެދި އެކްޓަރުގެ ދިރިއުޅުމަށް ވެސް ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށް ދުބާއީގެ މި އިވެންޓުގައި ސަލްމާން ވަނީ ބުނެފައެވެ.
އެގޮތުން އެކަނި އެއްވެސް ތަނަކަށް ދިއުމުގެ މިނިވަންކަމެއް ނެތުމާއި މިނިވަންކަމާ އެކު މަގުމަތީގައި ސައިކަލް ނުވަތަ ބައިސްކަލް ދުއްވާލުމުގެ އުފަލުން ވެސް މަހުރޫމުވެފައިވާ ކަމަށް ސަލްމާން ވަނީ ބުނެފައެވެ. ބައެއް ފަހަރު ސަލްމާންއާ ހެދި މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ، އޭގެ ސަބަބުން އޭނާގެ ސަޕޯޓަރުންނަށާއި އާއްމުންނަށް ވެސް ދަތިތަކާ ކުރިމަތިވާތީ ހިތާމަކުރާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ނަމަވެސް އެ ކަމުގައި ސަލްމާނަށް ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް ބުނަމުން އެކްޓަރު ބުނީ މި ހުރިހާ ފިޔަވަޅުތަކަކީ ވެސް ފުލުހުންގެ އިދާރާގެ އިރުޝާދާ އެއް ގޮތަށް ކުރިއަށްދާ ކަންކަން ކަމުގައެވެ.
ސަލާމަތީ ފިޔަވަޅު ކިތަންމެ ވަރުގަދަވި ނަމަވެސް ކަމެއް ދިމާވާން ތަގުދީރުގައި ހުރިނަމަ އެ ކަމެއްވުމުގެ ފުރުސަތު އޮންނަ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ސަލްމާން ވަނީ ބުނެފައެވެ. އެހެންނަމަވެސް ކައިރީގައި ހަތިޔާރު އެޅި ގިނަ ބަޔަކު ހަރަކާތްތެރިވާ މަންޒަރަކީ ހިތަށް ބިރުވެރިކަން ގެންނަ މަންޒަރެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.