01 May 2023, 09:45
ރަން ތާޖު ޤުރްއާން މުބާރާތަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު އެފަދަ އެއް މުބާރާތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރަންތާޖު ޤުރުއާން މުބާރާތުން އެނގިގެން ދިޔައީ، ކީރިތި ޤުރްއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން ކަމަށެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމުގެ ހުނަރާއި ފަންނު ލިބިފައިވާ ވަރަށް ގިނަ ޒުވާނުން ރާއްޖޭގައި އެބަތިބިކަން މި މުބާރާތުން ސާބިތުވެގެން ހިނގައްޖެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ ކަމަށާއި، އޭރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ހާސިލުކުރާނެ އެތައް ޤާރީންނަކާއި އެތައް ހާފިޒުންނެއް އުފެއްދޭނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރަން ތާޖު ޤުރުއާން މުބާރާތުގެ މަގްސަދުތަކުގެ ތެރޭގައި ވެސް، ބައިނަލްއަގުވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރު ލިއްބައިދިނުން ހިމަނާފައި އޮތުމަކީވެސް މި މުބާރާތް ޚާއްސަވެގެންދާ މުހިންމު ސަބަބެއް ކަމަށެވެ.
އަދި މިމުބާރާތުގައި، ޤުރްއާނުގެ އިލްމުގެ ބަޔާއި، ޤުރުއާން ތަފްސީރުގެ ބައި ހިމަނާފައި އޮތުމަކީ، އެ މުބާރާތުގެ މަތިވެރިކަން އިތުރުވެގެންދާ ސަބަބެއްކަން ފާހަގަކުރައްވައި، ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ކުރާ މަސައްކަތާއި އެކަމުގެ މުހިއްމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.
މިހަފްލާގައި ރަންތާޖު ޤުރުއާން މުބާރާތް ކާމިޔާބުކޮށް ރަންތާޖު ހާސިލްކުރި މުޙައްމަދު ސާއީ މުބާރިކަށް އިނާމް ހަވާލުކޮށްދެއްވީ ރައީސް ޞާލިޙެވެ. އަދި މުބާރާތުން ދެ ވަނަ ހާސިލް ކުރި ފާތިމަތު ތުޤާ ހަލީމަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސް އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
މުބާރާތުގެ ތިން ވަނަ ހާސިލްކުރި، ޔައީޝް މުޙައްމަދު ނިޔާޒަށް އިނާމް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ރަންތާޖު ޤުރުއާން މުބާރާތަކީ، އިސްލާމިކް މިނިސްޓްރީއާއި ޔޫތް މިނިސްޓްރީއާ ރާއްޖެޓީވީ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
އެއްވަނަ ބައިވެރިޔާއަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އެ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުބާރާތެވެ.
އެމުބާރާތުގެ އޮޑިޝަނުގައި ރާއްޖޭގެ ހަ ސަރަހައްދަކުން 111 މީހުން ބައިވެރިވިއިރު، މުބާރާތުގައި ވާދަކޮށްފައި ވަނީ 20 ބައިވެރިންނެވެ.