01 May 2023, 11:01
ދާދިފަހުން އަމިއްލަ ލަގްޒަރީ ބްރޭންޑެއް ތަޢާރަފްކޮށް މިބްރޭންޑްގެ ފުރަތަމަ އިޝްތިހާރުގެ މަސައްކަތް ބައްޕަ ޝާހުއާއެކުކުރަން ވަރަށް ފަސޭހަވިކަމަށް އާރްޔަން ޚާން ބުނެފިއެވެ.
ދާދިފަހުން އަމިއްލަ ލަގްޒަރީ ކްލޯތިންގް ބްރޭންޑެއް ލޯންޗުކުރުމަށްފަހު މި ބްރޭންޑްގެ ފުރަތަމަ އިޝްތިހާރު ޑައިރެކްޓްކޮށްފައިވަނީ އާރްޔަން އަމިއްލައަށެވެ. މިއީ އާރްޔަން ޚާން ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެފައިވާކަން އިޢުލާނުކުރުމަށްފަހު ބެލުންތެރިންނަށް ދައްކާލި ފުރަތަމަ މަސައްކަތްވެސްމެއެވެ.
މިދިޔަ އަންގާރަ ދުވަހު މި އިޝްތިހާރުގެ ކުޑަ ޓީޒާއެއް ބެލުންތެރިންނާ ހިއްސާކޮށްލިއިރު ބެލުންތެރިންނަށް ލިބުނު ސަޕްރައިޒަކީ އެކްޓަރު ޝާހްރުކް ޚާން އާރްޔަންގެ މި އިޝްތިހާރުން ފެނުމުންނެވެ.
މީޑިއާއާ ވަރަށް ދުރުން އަބަދުވެސް އުޅޭ އާރްޔަން ފުރަތަމަ ފަހަރަށް އިންޑިއާގެ ހާޕާ ބަޒާރަށް ދިން އިންޓަވިއުގައި ބުނެފައިވަނީ، ބައްޕައާއެކު މަސައްކަތްކުރުމަކީ ޗެލެންޖެއްގެގޮތުގައި އެއްވެސް އިރަކު ގަބޫލު ނުކުރާ ކަމުގައެވެ. އޭގެ ބަދަލުގައި ޝާހުރުކްގެ ފަރާތުން އާރްޔަންގެ ކްރޫގައި މަސައްކަތްކުރި ޓީމް މެމްބަރުންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްވިކަމަށް ޝާހުގެ ދޮށީ ދަރިފުޅު ވަނީ ބުނެފައެވެ.
ޝާހުއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ސެޓުގައި މަސައްކަތްކުރި ކޮންމެ މެމްބަރެއްގެ މަސައްކަތްވެސް ވަރަށް ފަސޭހަވެގެންދިޔަކަމުގައި އާރްޔަން ވަނީ މެގަޒިންއަށްދިން އިންޓަވިއުގައި ބުނެފައެވެ. ބައްޕަ ޝާހުގެ ފަރާތުން ކްރޫ މެމްބަރުންނަށް ލިބުނު އިޙްތިރާމާއެކު ސެޓުގައި މަސައްކަތްކުރަން މާބޮޑަށްވެސް ފަސޭހަވިކަމުގައި އާރްޔަން ވަނީ ބުނެފައެވެ.
މި އިޝްތިހާރުގެ މަސައްކަތް ކުރިޔަށްދިޔައިރު އިތުރު ސަމާލުކަމެއް އާރްޔަން މަސައްކަތަށް ދިންކަމަށާއި އޭގެ ބޭނުމަކީ ބައްޕަގެ ފަރާތުން ލިބޭ ފިލާވަޅުތަކުން އެންމެ ތަންކޮޅެއްވެސް އުނިވެގެން ނުދިއުންކަމަށްވެސް އާރްޔަން ބުނެފައިވެއެވެ.
މީގެ ކުރިން ނެޓްފްލިކްސްއިން ގެނެސްދިން ޑޭވިޑް ލެޓަމެންސްގެ ޓޯކް ޝޯވްގައި ޝާހްރުކް ބުނެފައިވަނީ، ދަރިފުޅު އާރްޔަން އެއްވެސް ވަރަކަށް އެކްޓިންގް ދާއިރާއަށް ޝައުގުވެރިކަމެއް ނެތްކަމުގައެވެ. އެހެންނަމަވެސް އާރްޔަންއަކީ ވަރަށް ހުނަރުވެރި ލިޔުންތެރިއެއްކަން ޝާހު ވަނީ މި ޝޯވްގައި ފާހަގަކޮށްފައެވެ.
އާރްޔަންގެ ފުރަތަމަ ފިލްމުގެ ސްކްރިޕްޓް ލިޔެ ނިންމާލާފައިވާއިރު އާއިލީ ފިލްމު ކުންފުންޏާއެކު މި މަސައްކަތް ފަށާނެ ދުވަހެއް އަދި ކަށަވަރުނުވެއެވެ.
އާރްޔަން ޚާންގެ ލަގްޒަރީ ހެދުން ބްރޭންޑް ލޯންޗްކޮށްފައިވާއިރު މިބްރޭންޑުގެ އުފެއްދުންތައް އަތް ނުފޯރާފަށަށް އަގުބޮޑުކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އާރްޔަންއަށް ރައްދުވެފައެވެ.