އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި ސިޓީން ފުލަމްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ.

އެ ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައަށް ސިޓީ ޖެހިލީ 32 މެޗުން ހޯދި 76 ޕޮއިންޓާއެކުއެވެ. އަދި ގިނަ ދުވަސްތަކެއްގައި ތާވަލުގެ ކުރީގައި އޮތުމަށްފަހު، ދެވަނައަށް ވެއްޓުނު އާސެނަލަށް 33 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ.

މިއަދު ހަވީރު ކުޅުނު މެޗު ފެށުނުތާ ތިން މިނެޓުގެ ތެރޭގައި ސިޓީން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އާލިން ހާލަންޑެވެ. އެ ގޯލަކީ މިސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ ޖެހި 34 ގޯލެވެ. އެއާއެކު އޭނާ ވަނީ އަންދްރޫ ކޯލް އަދި އެލަން ޝިއަރާ ހެދި ގޯލު ރެކޯޑާ އަރައި ހަމަކޮށްފައެވެ. އެ ދެ ލެޖެންޑުން ވެސް ގޯލު ޖަހާފައިވަނީ 42 މެޗުގެ ސީޒަނެއްގައެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ފުލަމުން ވަނީ ސިޓީ ކޮޅަށް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހެރީ ވިލްސަން ދިން ބޯޅައަކުން ފުލަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ކާލޯސް ވިނީޝިއަސްއެވެ. އޭނާ އެ ގޯލު ޖެހީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ސިޓީން ފުރަތަމަ ހާފު ނިންމާލީ އިތުރު ގޯލެއް ޖަހައި، އަލުން ލީޑު ހޯދައިގެންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒެވެ.

މެޗުގެ ދެވަނަ ހާފުގައި ފުލަމުން ވެސް މަސައްކަތްތަކެއް ކުރިއެވެ. އެޓީމުން ކުރިއަށް ޖެހި ސިޓީގެ ޑިފެންޑަރުންނަށް ޕްރެޝަރު ކުރިތަން ވެސް ފެނިގެންދިޔައެވެ. ނަމަވެސް ސިޓީން މަސައްކަތްކުރީ ލީޑު ގެއްލުވާ ނުލައި އިތުރު ގޯލަކަށެވެ.