30 Apr 2023, 23:24
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ހަވާލުކުރާ ތާރީޚު ފަސްކޮށްފިއެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމަށް ޓިކެޓް ހަވާލުކުރުމުގެ ރަސްމީ ޖަލްސާ މާލޭ އުސް ފަސްގަނޑުގައި ބާއްވާގޮތަށް މީގެ ކުރިން ނިންމާފައި އޮތީ މޭ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގައެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން އެމްއެންޕީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާނަލް ނާޒިމަށް ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ އެ ޕާޓީން ވަރަށް ކުލަގަދަކޮށް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައިވާ އެ ޖަލްސާއާ ބެހޭގޮތުން އޮފިޝަލް އިތުރަށް ވިދާޅުވީ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޚާއްސަ ޖަލްސާގައި ކެންޑިޑޭޓުގެ ކެންޕެއިން ރަސްމީކޮށް ލޯންޗުކުރުން ވެސް އޮންނާނެ ކަމަށެވެ.
"އެ ޖަލްސާގައި ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުމުގެ އިތުރުން ކެންޑިޑޭޓުގެ ކެންޕެއިން ރަސްމީކޮށް ލޯންޗު ކުރާނެ. އަދި ކެންޕެއިން ކުރިއަށް ދާނެ ގޮތާއި އިތުރު މައުލޫމާތު އެރޭ ހާމަ ކުރާނެ،" އޮފިޝަލް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި އެމްއެންޕީގެ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ވެސް ނާޒިމް އެކަންޏެވެ.
އެ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެންމެ ފަރާތަކުން ކުރިމަތިލައްވައިފި ނަމަ އިންތިޚާބެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންވެ، ނާޒިމަށް ރިޔާސީ ޓިކެޓް ކަށަވަރުވީއެވެ.
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވާން ފަށާފައިވާ އިރު މިހާތަނަށް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާ އިތުރު ބޭފުޅުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި ތިން ބޭފުޅުންގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.