24 Apr 2012, 14:24
އިލެކްޝަންސް ކޮމިޝަނުން 15 މިލިއަން ރުފިޔާ އަށް އިހުމާލުވި ގޮތް މާލިއްޔަތު ކޮމެޓީގެ މެންބަރުންނަށް އޮޅުންފިލުވައިދިނުމަށް އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން 2010 އަހަރާ ހަމައަށް ބޭއްވި ފަސް އިންތިހާބަކަށް އަތޮޅު އޮފީސްތަކަށް ނުވަތަ އަތޮޅު ކައުންސިލްތަކަށް ފޮނުވާފައިވާ 54 މިލިއަން ރުފިޔާގެ ތެރެއިން 39 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލް އެނގެން އޮތަސް، 15 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލެއް އެނގެން ނެތް ކަމަށެވެ. އިލެކްޝަންސް އިން ބުނެފައި ވަނީ 15 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލް އެނގެން ނެތީ އަތޮޅު އޮފީސްތަކުން އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލު އިލެކްޝަންސް އަށް ފޮނުވާފައި ނުވުމުންނެވެ. އަދި އެތައް ފަހަރެއްގެ މަތިން އެދިގެން ވެސް އަތޮޅު އޮފީސްތަކުން އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލް ފޮނުވާފައި ނުވާ ކަމަށެވެ.
އިލެކްޝަންސްގެ އޮޑިޓް ރިޕޯޓާ މެދު މާލިއްޔަތު ކޮމެޓީގެ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވީ އެ މައްސަލާގައި އޮޑިޓާ ޖެނަރަލް ކޮމެޓީ އަށް ހާޒިރު ކުރައްވާނެ ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ މާދަމާ އޮޑިޓާ ޖެނަރަލް ކޮމެޓީ އަށް ހާޒިރުކުރައްވައި އިލެކްޝަންސްގެ އޮޑިޓް ރިޕޯޓާ ބެހޭ ލަފާހޯދައްވާނެ ކަމަށެވެ.
އިލެކްޝަންސް އިން 15 މިލިއަން ރުފިޔާ އަށް އިހްމާލުވި މައްސަލާގައި މާލިއްޔަތު ކޮމެޓީން ވަނީ އިލެކްޝަނާ މެދު ފިޔަވަޅު އެޅުމަށް މަޝްވަރާކޮށްފަ އެވެ. ނަމަވެސް މެންބަރުންގެ މެދުގައި އެކަމާ މެދު ބަހުސްކޮށްގެން ވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.