24 Apr 2012, 13:57
ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނަށް ފަންނީ އެހީ ހޯދުމަށް ކޮމަންވެލްތުގައި އެދިފައިވާ އެދުމަށް ކޮމަންވެލްތުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ސަރުކާރުން އަނެއްކާ ވެސް ބުނެފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލު ރިޒާ މިއަދު ވިދާޅުވީ ކޮމަންވެލްތުގެ ބަޔާނެއް ކަމަށް ބުނެ، ރާއްޖޭގެ މީޑިޔާގައި އިއްޔެ އާއްމުކުރި ހަބަރާ ގުޅިގެން ރާއްޖޭގައި ތިބި ކޮމަންވެލްތުގެ އޮފިޝަލުން ސުވާލުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކޮމަންވެލްތުގެ އެފަދަ އެއްވެސް މުވައްޒަފަކު އެފަދަ ބަޔާނެއް އާއްމުކޮށްފައި ނުވާ ކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮމަންވެލްތުން ބަޔާނެއް ނެރުނު ކަމަށް ތިޔަ ވިދާޅުވާ ވިދާޅުވުން ކޮމަންވެލްތުން އެބަ ދޮގު ކުރައްވާ، ކޮމަންވެލްތުން 16 އޭޕްރިލްގެ ފަހުން އިތުރު ބަޔާނެއް ނުނެރުއްވާ ކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ. ރާއްޖެ އިން އެދިފައިވާ އެދުމާ ދޭތެރޭގައި ސަރުކާރަށް އެއްވެސް ރަސްމީ ޖަވާބެއް ދެއްވާފައެއް ނެތް. އަދި ރަސްމީ ގޮތުގައި ކޮމަންވެލްތުގެ އެއްވެސް އިދާރާއަކުން ވެސް އަދި މުވައްޒަފަކު ވެސް ސަރުކާރާ އެފަދަ ވާހަކައެއް ދައްކާފައެއް ނެތް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް އެހެން ވިދާޅުވި ނަމަވެސް ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ ކޮމިއުނިކޭޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕެޝަލިސްޓް ޖެރަލްޑިން ގޯ އޭނާގެ ރަސްމީ އީމެއިލް އެކައުންޓުން ސަންގެ އެޑިޓަރަށް ފޮނުއްވި މެއިލްގައި ވިދާޅުވެފައި ވަނީ "މިއީ ނެޝަނަލް އިންކުއަރީ ކޮމިޝަނަށް މާހިރެއް ފޮނުވުމުގެ މައްސަލައިގާ މީޑިޔާ އިން އުފައްދާފައިވާ ސުވާލުތަކަށް ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ ސްޕޯކްސް ޕާސަން ރިޗަޑް އުކޫ ދެއްވާ ޖަވާބު" ކަމަށެވެ.
އެ އީމެއިލްގައިވާ ބަޔާނުގައި ވަނީ ކޮމަންވެލްތުން ރިކޮމެންޑްކޮށްފައިވާ އިސްލާހުތައް ކޮމިޝަނަށް ނުގެންނަނީސް، އެކޮމިޝަނަށް ކޮމަންވެލްތުގެ ސީނިއަ އެޑްވައިޒަރެއް ފޮނުވުމަކީ ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ މިނިސްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.