30 Apr 2023, 18:31
ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ބާރުތައް ގެއްލޭފަދަ އެއްވެސް ނިންމުމެއް ޖުމްހޫރީ ޕާޓީން ނުނިންމާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީއާއެކު މަސައްކަތްކުރަން މަޝްވަރާކުރަމުން އަންނަ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ހުށަހެޅުއްވުންތަކާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙު ވިދާޅުވީ ޕާޓީން އެ ކަމާމެދު ކުރަމުން އަންނަ މަޝްވަރާތަކުގައި އަދި ވަކި ގޮތެއް ނުނިންމޭކަމަށެވެ.
ނަމަވެސް މަޝްވަރާތައް އަދިވެސް ކުރެވެމުން އަންނަކަމަށް ޢަލީ ވިދާޅުވިއެވެ. އެއާއެކު ވެސް ނަޝީދުގެ ހުށަހެޅުއްވުންތަކަށް އެ ޕާޓީގެ ތެރޭ މާ ބޮޑު ތަރުހީބެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ.
އެއާއެކު ޢަލީ ޞާލިޙު ވިދާޅުވީ އެއްވެސް ބަޔަކު ހުށަހެޅުމެއް ހުށަހެޅި ނަމަވެސް އެއީ ޕާޓީގެ ލީޑަރު ގާސިމުގެ ހައްގަކަށް އުނިކަން އަންނަ ކަމަކަށް ވެގެން ނުވާނެކަމަށެވެ. އަދި އެ ފަދަ ކަންކަމަށް ޖޭޕީގެ ތެރޭ ފުރުސަތު ނުދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރިން ވެސް ވާނީ ދަންނަވައިފައި އަޅުގަނޑުމެންނޭ މީ ލީޑުކުރާނެ ބަޔަކީ. އަޅުގަނޑުމެންނާއެކު އަޅުގަނޑުމެންގެ ފަހަތަށް އަރަން ދައުވަތު ދީފައިވަނީ. އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ގާސިމް. އެ ޗޭންޖެއް ނުވާނެ،" ޢަލީ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާއިރު އެ ޕާޓީގެ ޓިކެޓު ގާސިމަށް ދިނުމަށް އެ ޕާޓީގެ ކޮންގްރެސްގައި ވަނީ ނިންމައިފައެވެ. އެހެންނަމަވެސް އަދި ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފައެެއް ނުވެއެވެ.
ޢަލީ ވިދާޅުވީ ޓިކެޓު ރަސްމީކޮށް ހަވާލުކުރާނެ ސީދާ ތާރީޚެއް އަދި ނުނިންމާ ކަމަށެވެ. ރިޔާސީ އިންތިޚާބަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭގޮތުން ޢަލީ ވިދާޅުވީ މިހާރު ވެސް ކެމްޕެއިން ފެށިފައިވާކަމަށެެވެ.
"ހަމަ ކެމްޕެއިން ކުރިއަށް މި ދަނީ. ދެން ހަމަ ބާރަށް މަސައްކަތުގައި މިދަނީ،" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމާއެކު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްޕުޅު ކުރެއްވުމަށް މަޝްވަރާކުރައްވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީއާއެކުގައެވެ.