ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އެކުލަވައިލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޓަކައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން މި ފެށޭ މޭ މަހު ރަށްރަށަށް ދަތުރުކުރުމަށް ނިންމައިފިއެވެ.

ރިޔާސީ އިންތިޚާބަށް ބާކީ އޮތީ ހަތަރު މަހެވެ. އެއާއެކު އިންތިޚާބުގައި ވާދަކުރާ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް އަންނަނީ ކެމްޕެއިން ފެށުމަށް ތައްޔާރުވަމުންނެވެ.

އެއާއެކު އެމްޑީޕީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެ ޕާޓީން ކުރާ ދަތުރުތަކުގެ މައިގަނޑު ބޭނުމަކީ މެނިފެސްޓޯ އެކުލަވައިލުމަށް މައުލޫމާތު އެއްކުރުންކަމަށެވެ.

މި ދަތުރުތައް އޮންނާނީ މޭ 11، 12 އަދި 13ގައެވެ.

ދަތުރުތަކުގައި އެ ޕާޓީގެ ސީނިއާ މަގާމުތަކުގައި ތިއްބެވި ހުރިހާ މެމްބަރުން ވެސް ބައިވެރިވާނެކަމަށް އިބުރޭ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޕާޓީގެ މަޖިލިސް މެމްބަރުންނާއި، ދާއިރާ ރައީސުން ހިމެނެއެވެ.

"އަޅުގަނޑުމެން އަދި ކެމްޕެއިން ފަށާނީ ފަހުން. ހަމަ ރާއްޖޭގެ ހުރިހާ ދިމާއަކަށް ހުރިހާ ރަށްރަށަށް ދަތުރުކުރާނެ. ކެމްޕެއިނަށް ތައްޔާރުވުމަށް މިއީ، ކެމްޕެއިނަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް،" އިބުރޭ ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވީ ރަސްމީކޮށް އެ ޕާޓީގެ ކެމްޕެއިން ފަށާނެ ތާރީޚެއް ވަރަަށް އަވަހަށް އިއުލާންކުރާނެކަމަށެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނިކުންނަ ކެންޑީޑޭޓަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ މަނިކުފާނަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ކާމިޔާބުކުރައްވައިގެންނެވެ.

އެއާއެކު ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ޕާޓީގެ ނިންމުމާ ދެކޮޅަށް ވަކި ފިކުރެއްގައި މަސައްކަތްކުރައްވަމުންނެވެ.