30 Apr 2023, 17:32
ޣާޒީ ބިލްޑިންގުގައި ހިންގި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހެޑް އޮފީސް، ޕަބްލިކް ސާވިސް މީޑިއާގެ މާފަންނުގައި ހުންނަ ރޭޑިއޯ ބިލްޑިންގްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާކަމަށް އެ އިދާރާއިން ބުނެފިއެވެ.
މިކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޚިދުމަތްތައް ރޭޑިއޯ ބިލްޑިންގްއަށް ބަދަލުކުރެވުމުން ހެޑް އޮފީހުގެ ޚިދުމަތްތައް ދެން ފޯރުކޮށްދޭނީ ރޭޑިއޯ ބިލްޑިންގްއިން ކަމަށެވެ. ނަމަވެސް، ޚިދުމަތް އެއްކޮށް ރޭޑިއޯ ބިލްޑިންގްއަށް ބަދަލު ކުރެވުމާ ހަމައަށް އެ އެ އިދާރާގެ ހެޑް އޮފީހުންދޭ ޚިދުމަތްތަށް ދޭނީ ޣާޒީ ބިލްޑިންގްއިން ކަމަށް އެ އިދާރާއިން ބުންޏެވެ.
ކަރެކްޝަނަލް ސާވިސްގެ ހެޑް އޮފީސް ރޭޑިއޯ ބިލްޑިންގްއަށް ބަދަލުކުރަން ނިންމީ އެ އޮފީސް ހިންގި ޣާޒީ ބިލްޑިންގް ތަޅާލާ، އެތަނުގައި ޕާކިން ޒޯނެއް ގާއިމްކުރަށް ޕްލޭނިން މިނިސްޓްރީން ނިންމުމުންނެވެ.
އެ ނިންމުމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން ވިދާޅުވެފައި ވަނީ، ޣާޒީ ބިލްޑިންގް ތަޅާލަން ނިންމާފައި ވަނީ އެ ތަން ބޭނުން ނުކުރެވޭ ވަރަށް ބާވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާނީ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. އަދި އެއަށް ފަހު ވީ އެންމެ އަވަހަކަށް ޕާކިން ޒޯން ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި ނޭނގެ ޕާކިން ޒޯން ހަދަން ފެށޭނެ ދުވަހެއް. ޖޫން މަހުގެ ތެރޭ ތަޅާލާނީ އެއަށް ފަހު ޕާކިން ޒޯން ހެދުމުގެ މަސައްކަތް ފަށާނެ،" އޭނާ ވިދާޅުވިއެވެ.
ޕާކިންގެ މައްސަލަ މާލޭގައި ބޮޑުވެފައި ވާއިރު، ސަރުކާރު އޮފީސްތައް ހިންގި ހުރަވީ ބިލްޑިން ވެސް މިދިޔަ އަހަރު ވަނީ ތަޅާލައިފައެވެ. އެ އިމާރާތް ވެސް ތަޅާލީ ބާވެ ބޭނުން ނުކުރެވޭ ވަރު ވުމުންނެވެ. އަދި ތަޅާލުމަށް ފަހު، އެ ބިމުގައި ވެސް ވަނީ ޕާކިން ޒޯނެއް ހަދައިފައެވެ.
ސަރުކާރުގެ އޮފީސްތައް ހިންގަން ދާދި ފަހުން ހުޅުމާލޭގައި ވަނީ އުމަރު ޒާހިރު ބިލްޑިންގްގެ ނަމުގައި އިމާރާތެއް ހުޅުވައިފައެވެ.