30 Apr 2023, 17:19
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓުތައް މުޅިން ނިންމާލެވޭނީ ޖޫން މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެމްޕީއެލްގެ ހިޔާ މަޝްރޫއު ދިގުލައިގެން ގޮސްފައިވާއިރު މީގެ ކުރިން އެ ކުންފުނިން ބުނީ، އެ މަޝްރޫއު ދިގުލައިގެން ގޮސްފައި ވަނީ ކޮވިޑާ ހެދިކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، އެމްޕީއެލްއިން ވަނީ މި އަހަރުގެ ކުރީކޮޅު އެ މަޝްރޫއު ނިމި، އެ ފްލެޓުތަކުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށް ބުނެފައެވެ.
އޭގެ ފަހުން މި މަހުގެ ކުރީކޮޅު، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "ސަން"އަށް ވިދާޅުވީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރުން އެމްޕީއެލްއަށް ފްލެޓުތައް ހަވާލުކުރަން އެގްރީމެންޓުގައި ވަނީ މި މަހުގެ 30އަށް ކަމަށެވެ. އަދި އެމްޕީއެލްއަށް ފްލެޓްތައް ހަވާލުކުރާހާ އަވަހަކަށް، ފްލެޓުތައް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން، އެމްޕީއެލްއިން މިއަދު "ސަން"އަށް ބުނީ ފްލެޓުތަކުގެ ބޮޑެތި މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ، ފެނާއި ކަރަންޓާއި ލިފްޓުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ފެނުގެ ކަންކަން ފެނަކައިން ދަނީ ކުރަމުން. އަދި ކަރަންޓުގެ މަސައްކަތް ސްޓެލްކޯއިން ކުރާއިރު ލިފްޓުގެ ކަންކަން ކުރަނީ އެސްޓީއޯއިން،" އެމްޕީއެލްއިން ބުންޏެވެ.
ފްލެޓްތަކުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ ޖޫން މަހުގެ ނިލަޔަށް ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި އޭގެ ފަހުން ވީ އެންމެ އަވަހަކަށް މުވައްޒަފުންނަށް، ފްލެޓުތަކަށް ވަދެވޭވަރު ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއު އެންޑް އޭ އޯވަސީސްއާއެވެ.
އެ މަޝްރޫއުގެ ދަށުން 15 ބުރީގެ ތިން ޓަވަރު އަޅާފައިވާއިރު އެ ޓަވަރުތަކުގައި 534 އެޕާޓްމެންޓް ހުރެއެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ 204 އެޕާޓްމެންޓާއި ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ ގޮތަށް 330 އެޕާޓްމަންޓް ހިމެނެއެވެ.
މި ފްލެޓުތަކަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ވިއްކާ ފްލެޓުތަކަކަށްވާއިރު، މިއީ އެމްޕީއެލްއިން 566.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.