30 Apr 2023, 14:24
ހިއުސްޓަން (30 އެޕްރީލް 2023): އެމެރިކާގެ ޓެކްސަސްގައި ހަތިޔާރު އެޅި މީހަކު ބަޑިން ހަމަލާތަކެއްދީ ފަސް މީހަކު މަރާލައިފިއެވެ.
ބަޑި ހިފައިގެންހުރި މީހާ ހަމަލާދިނީ ޓެކްސަސްގެ ގެއަކަށް ވަދެ އެ ގޭގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށެވެ. ޓެކްސަސްގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެސްޓޭޓްގެ ހިއުސްޓަން ސިޓީގެ، އާންމުން ދިރިއުޅޭ ގެއަކަށް ވަދެ ބަޑިން ހަމަލާދީފައި ވަނީ އަވަށްޓެރިއެކެވެ.
އޭނާ ބަޑީގެ ޙަމަލާ ދިން ވަގުތު ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ސިފަކޮށްފައިވެއެވެ. މަރާލި ފަސް މީހުންގެ ތެރޭގައި ހިމެނެނީ އަށް އަހަރުގެ ކުޑަކުއްޖެއްގެ އިތުރުން ދެ ފިރިހެނުންނާއި ދެ އަންހެނުންނެވެ. މި ހަމަލާތަކުގައި ތިން މީހުން ޒަޚަމުވެފައިވާއިރު އެ މީހުންވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ
އެމެރިކާއަކީ ބަޑިޖަހައިގެން މީހުން މެރުމުގެ ހާދިސާތައް އެންމެ ގިނަކަމަށް ރިޕޯޓްކުރެވިފައިވާ ގައުމެވެ. އެމެރިކާގައި މި އަހަރުގެ މިހާތަނަށް ވެސް ބަޑިޖަހައިގެން މީހުން މެރުމާއި ޒަޚަމްކުރުމުގެ 170 ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.
ނަމަވެސް އަމިއްލަ މީހުން ބަޑި ގެންގުޅުން މަނާކުރުމަށް މަސައްކަތްކުރަން އެމެރިކާގެ ކޮންގްރެސް އިން ގެންދަނީ ކަނޑައެޅިގެން ދެކޮޅު ހަދަމުންނެވެ.
އާންމުގޮތެއްގައި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 40،000 އާއި 50،000 އާ ދެމެދުގެ އަދަދެއްގެ މީހުން ބަޑިޖެހުމުގެ ހާދިސާތަކުގައި ކޮންމެ އަހަރަކު އެމެރިކާގައި މަރަލެވޭކަމަށް ރިޕޯޓްކުރެވިފައިވެއެވެ. މި ހާދިސާތަކުގައި ޒަޚަމްވާ މީހުންގެ އަދަދު ތިން ލައްކައަށްވުރެ މައްޗެވެ.
މިދިޔަ އަހަރު ނޫން ކުރީ އަހަރުގެ ރިޕޯޓުތައް ބުނާގޮތުން "މާސް ޝޫޓިންގް" ގެ ހާދިސާތަކުގައި އެ އަހަރު 49 ހާސް މީހުން މަރާލައިފައިވެއެވެ. އޭގެ ކުރީ އަހަރު އެފަދަ ހާދިސާތަކުގައި 45،000 މީހުން މަރާލި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
"މާސް ޝޫޓިންގް"ގެ މިފަދަ ހާދިސާތަކުގައި އެމެރިކާގައި ގިނަ އަދަދެއްގެ މީހުން ކޮންމެ އަހަރަކު މަރުވަމުން ދިޔަ ނަމަވެސް މިއީ ޓެރަރިޒަމް ގެ އަމަލުތަކެއް ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ނުދެކެއެވެ. އަދި، މިކަން ހުއްޓުވަން މާބޮޑު މަސައްކަތެއް ވެސް ނުކުރެއެވެ.
އެމެރިކާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިސްބަތް ބޮޑު ގައުމެކެވެ. އެމެރިކާގައި މީހުން މަރާމީހުންނާއި މުޖްރިމުން ގިނަވާ މައިގަނޑު އެއް ސަބަބަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިސްބަތް އާބާދީގެ ނިސްބަތުން ބޮޑުވަމުން ދިއުމެވެ.