ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓް ފަޅާލައި ހަތް ހާހަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިލަދޫ މެޖިސްޓްރޭޓް ކޯޓު ފަޅާލައި 7،000ރ. އަށް ވުރެގިނަ ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 8:15 ހާއިރު ކަމަށެވެ. އަދި އެތަނަން ވަދެ ފައިވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށާއި ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މިލަދޫ ކޯޓާއި ކައުންސިލް އިދާރާގައި ހުޅުޖެހި ހާދިސާއަށް ފަހު ކޯޓު ހިންގަމުން ގެންދަނީ އަމިއްލަ މީހެއްގެ ގޭގަ އެވެ.

މިއަހަރު ކުރީ ކޮޅުވެސް ވަނީ މިލަދޫގެ ތިން ގެއަކުން ވައްކަންކޮށް އަލިފާން ރޯ ކޮށްލާފަ އެވެ.