01 May 2023, 10:15
އެއް ހުވަފެނެއް އެއް ފަހަރަށް ވުރެ ގިނައިން ފެނުމަކީ މިހާރު ގިނަ ބަޔަކަށް އެނގޭ ކަމެކެވެ. ނަމަވެސް ހުރިހާ އެންމެނަށް ވެސް އާންމު ގޮތެއްގައި އެއް ހުވަފެންތަކެއް ފެންނަ ކަން އެނގޭ ހެއްޔެވެ؟
ބައެއް ހުވަފެން ތަކަކީ އާންމުކޮށް ކޮންމެ މީހަކަށް ވެސް ފެންނަ ހުވަފެން ތަކެކެވެ. މިއީ އޭގެ ފަހަތުގައި ސަބަބުތަކެއް ހުރި ކަމަކަށް ވެސް ވެދާނެއެވެ.
ސައިންސުވެރިން ބުނާ ގޮތުގައި ކޮންމެ މީހަކަށް ވެސް ރެއެއްގެ މައްޗަށް ގާތްގަނޑަކަށް ތިން ހުވަފެނާއި ނުވަ ހުވަފެނާ ދޭތެރޭގެ އަދަދަށް ހުވަފެން ފެނެއެވެ. ނަމަވެސް މިއިން ގިނަ ހުވަފެން ތަކަކީ ހޭލެވޭ އިރު ހަނދާން ވާ ހުވަފެން ތަކެއް ނޫނެވެ. އެހެންވީމާ އާންމުކޮށް އެއް ކަންތައްތަކެއް ވާ ހުވަފެން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ހުވަފެނާ ގުޅޭ މާހިރުން ބުނާ ގޮތުގައި އިންސާނުންނަށް އާންމު ގޮތެއްގައި ފަސް ވަރަކަށް ހުވަފެނެއް ވަރަށް ގިނައިން ފެނެއެވެ. މިއީ ހުރިހާ އެންމެނަށް ވެސް އެންމެ އާންމުކޮށް ފެންނަ ހުވަފެން ކަމަށް މާހިރުން ބުނެއެވެ.
ވާހަކަ ލިޔުންތެރިޔެއް އަދި ހުވަފެނުގެ މާހިރެއް ކަމަށްވާ ކެލީ ސަލިވަން ވޯލްޑެން ބުނާ ގޮތުގައި އާންމުކޮށް ފެންނަ ހުވަފެން ތަކަކީ އަމިއްލަ ސިކުނޑީގައި ހުންނަ މައުލޫމާތުތަކެއް ޕްރޮސެސް ކުރާ ގޮތް ސިފަކޮށްދޭން އުޅޭ ކަމުގެ ނަތީޖާއެވެ. އޭނާ ބުނާ ގޮތުގައި އާންމުކޮށް ފެންނަ ފަސް ވައްތަރުގެ ހުވަފެނުން މުހިއްމު ކަންތައްތައް މާނަ ކުރެވޭނެއެވެ.
އެގޮތުން އެންމެ ގިނައިން ފެންނަ އެއް ހުވަފެނަކީ ބަޔަކާ ފިލަން ދުވާ ކަމުގެ އިހުސާސް ކުރެވޭ ހުވަފެނެވެ. މި ހުވަފެނުގައި އިންސާނާގެ ފަހަތުން ބަޔަކު ނުވަތަ މީހަކު ނުވަތަ އެއްޗެއް ދުވާ ތަން ފެނެއެވެ. ނަމަވެސް ގިނަ ފަހަރަށް ފަހަތުން އަންނަ އެއްޗެއްގެ އަސްލެއް ނޭނގެއެވެ. މި ހުވަފެނަކީ އާންމު ގޮތެއްގައި އަމިއްލަ ނަފުސާ މެދު ސުވާލުތަކެއް އުފެދި އަމިއްލަ ނަފުސަށް ކޮންމެ ވެސް ކަމަކާ ގުޅިގެން އިތުބާރު ކުރެވޭ މިންވަރު ކުޑަވުމުން ފެންނަ ހުވަފެނެއް ކަމަށް ވޯލްޑެން ފާހަގަކުރެއެވެ.
މީގެ އިތުރުން، ދެން އެންމެ އާންމުކޮށް ފެންނަ ހުވަފެންތަކުގެ ތެރޭގައި އާންމުކޮށް އިމާރާތުން ނުވަތަ އުސް ތަނަކުން ވެއްޓުމާއި މީހާ އުދުހޭ މަންޒަރުތައް ހިމެނެއެވެ.
ތަނަކުން ވެއްޓޭ ކަމުގެ އިހުސާސް ކުރެވޭ ހުވަފެން ތަކަކީ މީހާ އަމިއްލަ ނަފުސަށް އިތުބާރު ކުޑަވެ ހަޔާތަށް އެންމެ އެކަށީގެންވާ މިންވަރަށް ކޮންޓްރޯލު ގެއްލިފައިވުމުގެ ނަތީޖާއެކެވެ. އަމިއްލަ ނަފުސާ މެދު ސުވާލު ކުރާ މިންވަރު އިތުރުވާ މިންވަރަކަށް މިފަދަ ހުވަފެންތައް ފެންނަ މިންވަރު އިތުރު ވެދާނެއެވެ. އަދި، ގިނަ ކަންތައްތަކާ އުއްމީދުކޮށް އެކި ކަންތައްތަކަށް އިންތިޒާރު ކުރާ ނަމަ ހުވަފެނުގައި އުދުހޭ މަންޒަރު ފެނުން އިތުރު ވެދާނެއެވެ.
އާންމުކޮށް ހުވަފެނުގައި ދަތްތައް ފެނުމާއި ސްކޫލަށް އަނބުރާ ދާ މަންޒަރުތައް ފެނުމަކީ ވެސް އެންމެ ގިނައިން ފެންނަ ހުވަފެންތަކުގެ ތެރޭގައި ހިމެނޭ ހުވަފެން ތަކެކެވެ.
ވޯލްޑެން ބުނާގޮތުގައި މިއީ އެންމެ ގިނަ ބަޔަކަށް އެންމެ ގިނައިން ފެންނަ ހުވަފެންތަކެވެ. ނަމަވެސް މިކަމުގެ ފަހަތުގައި ވާ މާނަތަކަކީ އެކަމުގެ މާނައަށް ވުން ކޮންމެހެން މުހިއްމު ކަމެއް ނޫން ކަމުގައި ވެސް އޭނާ ފާހަގަކުރެއެވެ. މި ހުވަފެން ތަކަކީ ސަބަބެއް ނެތި އާންމުކޮށް ފެންނަ ހުވަފެން ތަކަކަށް ވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ފާހަގަކުރެއެވެ.