30 Apr 2023, 12:32
ދިމިޝްގު (30 އެޕްރީލް 2023): އީރާނުގެ ރައީސް އިބްރާހީމް ރައީސީ މިހަފުތާގެ ފަހުކޮޅު ސީރިއާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ސީރިއާގެ މީޑިއާ ބުނާގޮތުން އީރާނުގެ ރައީސް ސީރިއާއަށް ވަޑައިގަންނަވަނީ ރައީސް ބައްޝާރުލްއަސަދުގެ ދައުވަތަކަށެވެ. މިއީ، 2012 ވަނަ އަހަރު ސީރިއާގައި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އީރާނުގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އީރާނަކީ ސީރިއާގެ އެންމެ ގާތްބައިވެރިޔާއެވެ. ސީރިއާގެ ދާޚިލީ ހަނގުރާމައިގާ ބައްޝާރުލްއަސަދުގެ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވި ދެގައުމުގެ ތެރެއިން އެއްގައުމަކީ އީރާނެވެ. އަނެއްގައުމަކީ ރަޝިއާއެވެ. އެމެރިކާ، ތުރުކީ އަދި ޔޫރަޕާއި ގަލްފުގެ ބައެއް އަރަބި ގައުމުތަކުގެ އަސްކަރީ އަދި އިގްތިސާދީ އެހީތަކާއެކުވެސް ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ވަރުގަދަ ދާޚިލީ ހަނގުރާމައެއްކުރި ސީރިއާގެ އިދިކޮޅު ޖަމާއަތްތަކަށް ބައްޝާރުގެ މައްޗަށް ކާމިޔާބު ނުހޯދުނު މައިގަނޑު ސަބަބަކީ އީރާނާއި ރަޝިއާ ސީރިއާއަށް ވެދިން އާދަޔާ ޚިލާފު ވަރުގަދަ އަސްކަރީ އެހީތައްކަމަށްވަނީ ބެލެވިފައެވެ.
ފާއިތުވި 13 އަހަރު ތެރޭގައި އީރާނުގެ ރައީސަކު ސީރިއާއަށް ވަޑައިގެންފައެއް ނުވެއެވެ. އީރާނުގެ ރައީސަކު އެންމެ ފަހުން ސީރިއާއަށް ވަޑައިގެންފައި ވަނީ 2010 ވަނަ އަހަރެވެ. އެއީ އީރާނުގެ ކުރީގެ ރައީސް މަޙްމޫދު އަޙްމަދީނެޖާދެވެ.
އީރާނުގެ ރައީސް ސީރިއާއަށް މިވަޑައިގަންނަވަނީ ޗައިނާ މެދުއިރުމަތީގެ މަސްރަހަށް އިގްތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ވަރަށް ބާރުގަދަ ގޮތެއްގައި ވަންނަމުން ދިޔުމާއެކު މުޅިން އައު މެދުއިރުމައްޗެއް އުފަންވަމުންދާ ދަނޑިވަޅެއްގައެވެ.
ޗައިނާވަނީ މެދުއިރުމަތީގެ ބޮޑުދޮރުން ކުއްލިގޮތަކަށް ވަދެ އެސަރަހައްދުގެ އެންމެ ނުފޫޒު ގަދަ ދެގައުމު ކަމަށްވާ އީރާނާއި ސައުދީއަރަބިޔާ ސުލްހަ ކުރުވާފައެވެ. މިއާއެކު ސައުދީވަނީ އެމެރިކާ ބުނާހާ އެއްޗަކަށް ބޯ ނުލެނބުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. މިމައްސަލާގައި އެމެރިކާވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.
ޗައިނާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ވޫ ސައިކް އިއްޔެވަނީ ސީރިއާއަށް ވަޑައިގެން ރައީސް ބައްޝާރުލްއަސަދާ ބައްދަލުކުރައްވާފައެވެ. ޗައިނާގެ މަންދޫބުވަނީ ސީރިއާ އަލުން އަނބުރައި އަރަބި ސަފަށް ގެނައުމަށް ސައުދީއާއި ޔޫއޭއީ ން ކުރަމުން ގެންދާ މަސައްކަތްތަކަށް ޗައިނާ ތާއީދުކުރާކަން ހާމަކުރައްވާފައެވެ. އަދި ސީރިއާއާއި ތުރުކީގެ ގުޅުންތައް އަލުން އިއާދަކުރުމަށް ކުރާ މަސައްކަތްތަކަށްވެސް ޗައިނާ ތާއީދުކުރާކަން އޭނާ ހާމަކުރެއްވިއެވެ.

ބައްޝާރުލް އަސަދު ޗައިނާގެ މަންދޫބާ ބައްދަލުކުރައްވަނީ
އީރާނާއި، ސީރިއާ، ތުރުކީ އަދި ރަޝިޔާގެ ދިފާޢީ ވަޒީރުން މީގެ ދެދުވަސްކުރިންވަނީ މޮސްކޯގައި ބައްދަލުކުރައްވައި، ސީރިއާއަށް ސުލްހަ ގެނައުމަށާއި ސީރިއާއާއި ތުރުކީގެ ގުޅުންތައް ރަނގަނޅުކުރުމާބެހޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ ގެ އިސްނެންގެވުމުގެ މަތިން ބޭއްވި މި ބައްދަލުވުން ކާމިޔާބުކަމާއި މި ބައްދަލުވުމުގައި އެންމެބޮޑު އިސްކަމެއް ދިނީ ސީރިއާއާއި ތުރުކީވިލާތާ ދެމެދު މެދުކަނޑައިލާފައިވާ ގުޅުންތައް އަލުން އިއާދަކުރުމަށްޓަކައި އެދެގައުމުގެ ދެމެދުގައި އަލުން އިތުބާރު އުފެއްދުމަށްކަމަށް ރަޝިއާއިން ބުނެފައިވެއެވެ. މިބައްދަލުވުން ކާމިޔާބުކަމަށް އީރާނާއި ތުރުކީންވެސް ބުނެފައިވެއެވެ.
ސީރިއާގެ ރައީސް ބައްޝާރުލްއަސަދުވަނީ ތުރުކީން ސީރިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް މީގެފަހުން ނުވަންނަނަމަ ތުރުކީއާ އަލުން ގުޅުންތައް ރަނގަނޅުކުރަން ބޭނުންވާކަން ހާމަކުރައްވާފައެވެ. ނަމަވެސް ތުރުކީއާއެކު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރެވޭނީ އަދި ތުރުކީގެ ރައީސް އެރުދުޣާން އާ ބައްދަލުކުރެވޭނީ ތުރުކީ ސިފައިން މިހާރު އަރައިތިބި ސީރިއާގެ ސަރަހައްދުތަކުން އެމީހުން ބޭލުމުންކަން ބައްޝާރުވަނީ ހާމަކުރައްވާފައެވެ.
ތުރުކީވަނީ ސީރިއާއާއެކު އަލުން ގުޅުންތައް ގާއިމްކޮށް އައު ސަފްހާއެއް ފަށަން ބޭނުންކަން ހާމަކޮށްފައެވެ. މެދުއިރުމަތީގައި ޗައިނާ އާއި ރަޝިއާ އަދި ސައޫދީއާއި އީރާނާއި ތުރުކީން ބޮޑެތި ޑިޕްލޮމެެޓިކް ހަރަކާތްތަކެއް ހިންގާއިރު އެމެރިކާއާ އަދި އެމެރިކާ ވާގިވެރިވާ އިސްތިއުމާރީ ބާރުކަމަށްވާ އިސްރާއީލު ދަނީ އެސަރަހައްދުގައި ބާކީވެ އެކެހެރިވަމުންނެވެ.