30 Apr 2023, 10:55
ސިއްޙީ ދާއިރާއިން ތައުލީމު ހާސިލު ކުރުމަށް ފަހު އިންޓާންޝިޕްގައި މަސައްކަތް ކުރާ މީހުންނަށް އެލެވަންސެއް ދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމައިފިއެވެ.
މިހާތަނަށް ރާއްޖޭގައި ސިއްހީ ދާއިރާއިން ތައުލީމް ހާސިލު ކުރުމަށް ފަހު މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އިންޓާންއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު އެއްވެސް އާންމުދަނީއެއް ނުލިބެއެވެ.
ސިއްޙީ ދާއިރާގެ މުސާރަތައް މާދަމާއިން ފެށިގެން ބޮޑުކުރަން ނިންމައި އެކަން މިއަދު އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ އެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެ ދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުން ކަމަށެވެ. ދާއިރާއިން ދިވެހިން އިތުރަށް ބިނާކުރުމަށް ބާރު އެޅުމުގެ ގޮތުން، މެޑިކަލް އަދި ޑެންޓަލް އިންޓާން ޝިޕް ފުރިހަމަ ކުރާ މީހުންނަށް އިންޓާން އެލެވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ޞިއްޙީ ދާއިރާއިން ދިވެހިން މަދު ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލާޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
"ރޭޑިއޭޝަން ތެރަޕިސްޓުންނާއި، މެޑިކަލް ފިޒިސިސްޓުންނާއި، ފާމަކޮލޮޖިސްޓުންނާ ޑަޔަލަސިސް ޓެކްނޮލޮޖިސްޓުން ފަދަ މަޤާމުތަކުގައި މި ވަގުތު ދިވެހިންނެއް ނެތް. އެހެން ނަމަވެސް، މިއީ ފަންނީ ދާއިރާތަކެއް އަދި މުސާރަ ބޮޑު ވަޒީފާތަކެއް." ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އާ ޚިދުމަތްތަކާއި ވަސީލަތްތައް ތައާރަފު ކުރަމުން އަންނަ ކަމަށެވެ. ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރު ވެސް އެބަ ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ނަމަވެސް މި ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މި ދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުން. ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތް ޕްރޮފެޝަނަލުން ލިބުން ދަތިވުން. ޚާއްސަކޮށް ތަމްރީން ލިބިފައިވާ ދިވެހިން މިދާއިރާތަކަށް ނުލިބުން." ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުއްމީދަކީ ޞިއްޙީ ދާއިރާގެ މުސާރައަށް މި ގެނެވޭ ހެޔޮ ބަދަލާ އެކު، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުން."
އެ މަނިކުފާނު ވިދާޅުވީ ޞިއްޙީ ދާއިރާގެ މުސާރަތަކަށް ބަދަލުތައް ގެންނައިރު، ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކުން، ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރައެއް މިހާރުވަނީ ކަނޑައެޅިފައި ކަމަށެވެ.