30 Apr 2023, 10:00
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް މާދަމާއިން ފެށިގެން ވަރަށް ބޮޑު ކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.
ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ސީނިއާ ރެޖިސްޓާޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާ ކަމަށެވެ. އެކަކަމު، މިހާރު މި ގެނެވޭ ބަދަލާ އެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި، ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރު ވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާއަށް މަތިކޮށްފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މީގެ ކުރިން ސީނިއާ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ ކަމަށާއި މިހާރު މިގެނެވޭ ބަދަލާ އެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެ ކަމަށެވެ.
މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރު ވަނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައެވެ.
"އިތުރު ގަޑީގެ އެލަވަންސާ އެކު، މި ދެންނެވި ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށްވުރެ ވެސް އިތުރުވާނެ." އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާން ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ އެކު، މާދަމާއިން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ ކަމަށާއި މި ބަދަލާ އެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެކެވެ.
"ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެ." ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާ އެކު ޖުމްލަ 9838 މުވައްޒަފުންނަށް މި ބަދަލުގެ ހެޔޮ އަސަރު ކުރާނެ ކަމަށެވެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުއްމީދަކީ ސިއްހީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ އަދަދު އިތުރުވެގެން ދިޔުން. އަދި ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވުން." އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތެއް ކަމަށެވެ.
މި މަސައްކަތް ނިމޭއިރު، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި ޕޭ ހާމަނައިޒް ކުރުމުގެ މި މަސައްކަތުގެ ތެރޭގައި، ޝަރުޢީ ދާއިރާއާއި ސަލާމަތީ ޚިދުމަތްތަކާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް، ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން، ތަޢުލީމީ ދާއިރާގެ އިތުރުން، މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ސަރުކާރުން ވަނީ ރަނގަޅު ބަދަލުތަކެއް ގެނެސްފައެވެ.
"ޞިއްޙީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ ބޭނުން ނުހަނު ބޮޑު. މި ދާއިރާއަށް ގެނެވޭ ކުރިއެރުމާއި، މި ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބަރޯސާވެފައިވަނީ އިންސާނީ ވަސީލަތްތަކާ. ޞިއްޙީ ދާއިރާގެ ބޭފުޅުންނަށް މިހާތަނަށް ދެމުން އައީ، އެބޭފުޅުން އެ އުފުއްލަވާ ބުރަޔާ އެކަށޭނަ މުސާރައެއް ނޫން." ރައީސް ވިދާޅުވިއެވެ.