30 Apr 2023, 08:42
ސްޕެނިޝް ލަލީގާގެ އެންމެ ކުރީގައި އޮތް ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ވެސް ރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
ލަލީގާގެ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ބާސާ އާއި ދެވަނައިގައި އޮތް ރެއާލާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ބާސާ އިން ކުޅުނު 32 މެޗުން 79 ޕޮއިންޓް ހޯދާފައިވާ އިރު، ރެއާލުން ވަނީ ކުޅުނު 32 މެޗުން 68 ޕޮއިންޓް ހޯދައިފައެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސާ އިން ވަނީ ތާވަލުގެ ހަވަނައިގައި އޮތް ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅެ، ފަސޭހަކަމާ އެކު 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ރަތް ކާޑަކާ ގުޅިގެން ބެޓިސް އިން އެ މެޗުގެ ބޮޑުބައެއް ފުރިހަމަކުރީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
ބާސާ އިން ވަނީ މެޗުގެ 14ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ރަފީނިއާ ނަގައިދިން ހުރަހަކުން ބާސާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސެންއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ބެޓިސްއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 33ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު އެޓީމުގެ ސްޕެއިން ޑިފެންޑަރު އެޑްގާ ގޮންޒާލޭޒަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. މެޗުގައި އޭނާ ކުޅެން ނުކުމެފައިވަނީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ 12ވަނަ މިނެޓުގައެވެ. ބެޓިސްއަށް އެ ބަދަލު ގެންނަން ޖެހުނީ ލުއިޒް ފެލިޕޭއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
އޭގެ ފަހުން ކައިރިކައިރީގައި ބާސާ އިން އިތުރު ދެ ގޯލު ކާމިޔާބުކުރިއެވެ. މެޗުގެ 36ވަނަ މިނެޓުގައި ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ބާސާގެ ދެވަނަ ގޯލު އެޓީމުގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން އިރު، އޭގެ ތިން މިނެޓު ފަހުން ސާޖިއޯ ބުސްކެޓްސް ދިން ބޯޅައަކުން ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ރަފީނިއާއެވެ. އެ ގޯލުތަކާ އެކު ބާސާ އިން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑެއްގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔައީ ބާސާގެ ފަރާތުންނެވެ. ނަމަވެސް ބާސާގެ ހަތަރުވަނަ ގޯލަކީ ބެޓިސްގެ އާޖެންޓީނާ މިޑްފީލްޑަރު ގުއިޑޯ ރޮޑްރިގޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލު ފެނިގެންދިޔައީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލް ނުކުތީ ލީގު ތާވަލުގެ 15ވަނައިގައި އޮތް އަލްމޭރިއާއާ ދެކޮޅަށެވެ. ރެއާލްގެ ކެޕްޓަން ބެންޒެމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުން އެޓީމު މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

ސްޕެނިޝް ލަލީގާގައި އަލްމޭރިއާ ކޮޅަށް ގޯލު ޖެހުމަށްފަހު ރެއާލްގެ ކެޕްޓަން ބެންޒެމާ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ
އެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ތިން ގޯލު ކާމިޔާބުކުރިއެވެ. ރެއާލުން ޖެހި އެ ތިން ގޯލު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސް ފޯވަޑް ބެންޒެމާއެވެ. އެ ގޯލުތަކާ އެކު އޭނާގެ ހެޓްރިކް ވެސް ފުރިހަމަ ވެގެންދިޔައެވެ. ބެންޒެމާ ޖެހި ތިންވަނަ ގޯލަކީ ރެއާލަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އަލްމޭރިއާ އިން ވެސް ގޯލެއް ޖެހިއެވެ. ލާޖީ ރަމަޒާނީ ނަގައިދިން ހުރަހަކުން އަލްމޭރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ލަޒާރޯއެވެ. އެ ގޯލާ އެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓުގެ ތެރޭގައި ރެއާލުން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ޑެނީ ސެބާލޮސް ދިން ބޯޅައަކުން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ރޮޑްރީގޯއެވެ. އޭނާގެ ބާރު ހަމަލާ އަމާޒުވީ އަލްމޭރިއާ ގޯލުގެ މަތީ ކަނަކަށެވެ.
މެޗުގައި އަލްމޭރިއާ އިން ޖެހި ދެވަނަ ގޯލު ފެނިގެންދިޔައީ މެޗުގެ 61ވަނަ މިނެޓުގައެވެ. ޕޯޓިލޯ ނަގައިދިން ހުރަހަކުން އަލްމޭރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ރޮބާޓޮންއެވެ. އޭނާ އެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްތާ ހަތަރު މިނެޓުގެ ތެރޭގައެވެ.