24 Apr 2012, 13:29
އެފްޓެކް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން ބޭހުގެ ސާމާނު ސަޕްލައިނުކޮށް،11.8 މިލިއަން ރުފިޔާ ކުރީގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީ އިން ދޫކުރި ކަމަށް އޮޑިޓް ރިޕޯޓުން ފަޅާއެރި މައްސަލާއާ މެދު މަޝްވަރާ ކުރެއްވުމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މާލިއްޔަތު ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ދައުލަތުގެ ހަޒާނާއާ ހަވާލުވެގެންތިބި ބަޔަކު ފައިސާ އަށް ހިޔާނާތްތެރިވުމުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި މާދަމާ އެޖެންޑާގައި އޮތް މިނިސްޓަރުންގެ ރުހުން ދިނުމުގެ މައްސަލަ ނިންމުމަށް ފަހު ފިނޭންސް މިނިސްޓަރާ ބައްދަލު ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެފްޓެކުން ބޭހުގެ ސާމާނު ސަޕްލައިނުކޮށް ފިނޭންސުން ފައިސާ ދޫކުރުމުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މާލިއްޔަތު ގާނޫނާ ހިލާފަށް އެތައް ކަމެއްކޮށްފައިވާ ކަމަށާއި މާލިއްޔަތު ގާނޫނުގެ ދަށުން ދައުލަތުން ގާއިމްކޮށްފައިވާ ޗެކްއެންޑް ބެލެންސް ސިސްޓަމުގެ އިންޓަގްރިޓީއާ މެދު ސުވާލު އުފެދޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މި ރިޕޯޓާ މެދު ދެން އިތުރު ފިޔަވަޅުތަކެއް ނާޅައިފި ނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ނުކުމެދާނެ. ސަބަބަކީ ސިޔާސީ މަގާމުތަކުގައި [ކުރީގެ ސަރުކާރުގައި] ތިއްބެވި ބޭފުޅުން ވަރަށް ބޮޑަސް އިހްމާލުވެވަޑައިގެންފައި ވަނީ. މާލިއްޔަތު ގާނޫނާ ހިލާފަށް އެތައް ކަމެއް ވަނީކޮށްފައި. މިކަމުގެ ސަބަބުން ދައުލަތުން ގާއިމްކޮށްފައިވާ ޗެކްއެންޑް ބެލެންސް ސިސްޓަމްތަކުގެ އިންޓަގްރިޓީއާ މެދު މިއަދު ވަނީ ސުވާލު އުފެދިފައި،" ނާޒިމް ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުންތަކެއްގެ ހިއްސާއޮންނަ އެފްޓެކްއަށް 11.8 މިލިއަން ރުފިޔާ ދިނުމުގައި އިހްމާލުވާ މުވައްޒަފުން މިހާރު ވެސް ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ބައެއް މެންބަރުން ގޮވާލެއްވި އެވެ. އަދި ބައެއް މެންބަރުން ގޮވާލެއްވީ ތަހުގީގުތައް ނިމެންދެން އެމީހުން ބަންދުގައި ބޭތިއްބުމަށެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސަ (ގަޕޯ) ވިދާޅުވީ އެކަމުގައި ޝާމިލްވާ ހުރިހާ އެންމެން ހިފާ ހައްޔަރު ކުރުމަށް އޭނާ ގޮވާލެއްވި އެވެ. އަދި ދައުލަތުގެ މާލިއްޔާގެ ފައިސާ ފޮއްޗެއްގައި އެކަކުވެސް ޖެހިއްޖެނަމަ އަވަސް ފިޔަވަޅުތަކެއް އެ މީހުންގެ މައްޗަށް އެޅެން ޖެހޭނެ ކަމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ހެލްތު މިނިސްޓްރީ އޮޑިޓް ކުރެއްވި އިރު، ފެންމަތިވި އެފްޓެކްގެ މައްސަލާގައި ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނަރަލް ވަގުތުން މާލިއްޔަތު ކޮމެޓީއަށް އަންގަން ޖެހޭނެ ކަމަށެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އެ މައްސަލާގައި ޝާހިމްވާ ފިނޭސް މިނިސްޓްރީގެ މުވައްޒަފުން މިހާރުން މިހާރަށް ގެއަށް ފޮނުވަން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގައި ތިއްބެވި ސިޔާސީ ބޭފުޅުން ކޮރަޕްޝަންގެ ބޮޑެތި އަމަލްތަކެއް ހިންގާފައިވާ ކަމަށެވެ. އަދި އެފަދަ ބޮޑެތި މައްސަލަތައް ފެންމަތި ކުރުވި އޮޑިޓާ ޖެނަރަލް އަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންނަށް ސެލިއުޓް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ އެ ކުންފުނިން ސަޕްލައިކޮށްދީފައި ވަނީ 12.7 މިލިއަން ރުފިޔާގެ ތެރެއިން 930512.15ރ. ގެ މުދާ ކަމަށެވެ. އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ބޭހުގެ ސާމާނު ސަޕްލައިނޮކޮށް އެފްޓެކުން 11.8 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.