ކުރީގެ ފިލްމީ ތަރި ޝައްމީ ކަޕޫރާ އެކު ކުރެވުނު ކައިވެނި މާގިނަ ދުވަހު ދެމި ނޯންނާނެ ކަމަށް އޭރު ގިނަ ބަޔަކު ބުނިކަމަށް އެކްޓަރުގެ އަންހެނުން ނީލާ ދޭވީ ބުނެފިއެވެ.

ޝައްމީ ކަޕޫރާ ބެހޭގޮތުން އާއްމުންނަށް ނޭނގޭ ގިނަ ވާހަކަތަކެއް ނީލާ ދޭވީ ވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ހިއްސާކޮށްފައެވެ. މިހާތަނަށް އެއްވެސް މީޑިއާއަކަށް އިންޓަވިއުއެއް ދީފައިނުވާ ނީލާ ދޭވީގެ މިއީ ފުރަތަމަ އިންޓަވިއުވެސްމެއެވެ.

ނީލާ ދޭވީއަކީ ޝައްމީ ކަޕޫރުގެ ކުރީގެ އަންހެނުން ގީތާ ބާލީ 1965ވަނަ އަހަރުގައި މަރުވުމާ އެކު ޙަޔާތަށް އައި ދެވަނަ ބައިވެރިޔާއެވެ. ނީލާއާއި ޝައްމީ ކަޕޫރު އަލަށް ވެސް ދިމާވީ ހިންދީ ސިނަމާ ވުޖޫދަށް ގެނައި ކަޕޫރު ޚާންދާންއަށް ނިސްބަތްވާ ރާޖް ކަޕޫރުގެ އަންހެނުން ކްރިޝްނާ ރާޖް ކަޕޫރު މެދުވެރިވެގެން ކަމަށް ނީލާ ދޭވީވަނީ ބުނެފައެވެ.

ނީލާއާއި ޝައްމީ ކަޕޫރުގެ ކައިވެނީގެ ވާހަކަ ދެކެވުނީ ރާޖް ކަޕޫރުގެ އަންހެން ދަރިފުޅު ރީތޫ ނަންދާގެ ކައިވެނީގެ މައުޟޫއު ތެރެއިން ކަމަށް ވެސް ނީލާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ. ދެ ޢާއިލާގެ ރުހުމާ އެކު ނީލާއާއި ޝައްމީގެ ކައިވެނި ކުރެވުނީ 1969ވަނަ އަހަރެވެ. ނީލާ ދޭވީއާއި ކައިވެނި ކުރުމުގެ ކުރިން ބަތަލާ މުމްތާޒްއާއި ޝައްމީ ކަޕޫރު ކައިވެނިކުރަން އުޅޭކަމުގެ ޚަބަރުތަކެއް ވެސް އޭރު ފެތުރިގެން ދިޔައެވެ.

ޝައްމީ ކަޕޫރަކީ އެކްޓަރުގެ ޒުވާން ދުވަސްވަރު ވަރަށް ގިނަ އަންހެން ކުދިންގެ ހިތްތައް ފަތަޙަކުރި އެކްޓަރެކެވެ. ނީލާއާއި ޝައްމީގެ ކައިވެނި މާގިނަ ދުވަހު ދެމި އޮންނާނެ ކަމާ މެދު ގިނަ ބަޔަކު އޭރު ސުވާލު އުފެދުނީ އެހެން ވެގެން ކަމަށް ވެސް ނީލާވަނީ ބުނެފައެވެ.

ޝައްމީ ކަޕޫރުއަކީ ދިރިއުޅުން ވަރަށް ހަމަޖެހިލައިގެން އުފަލުގައި ހޭދަކުރަން ލޯބިކުރި ފަރާތެއް ކަމަށް ނީލާ ދޭވީ ވަނީ ބުނެފައެވެ.

ޒުވާން ދުވަސްވަރު މާގިނައިން ރާބުއިމާއި ސިނގިރޭޓަށް ދެވިހިފުމުގެ އާދަ ވެގެންދިޔައީ އެކްޓަރު ބަލި އެނދުގައި އޮންނަން ޖެހުނު އެންމެބޮޑު އެއް ސަބަބަށެވެ. ދުވާލެއްގެ މައްޗަށް ޝައްމީ ކަޕޫރަކީ ސަތޭކަ ސިނގިރޭޓް ބުއި މީހެއް ކަމަށާއި އޭގެ ސަބަބުން ފުރަމެއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރިކަމަށް ނީލާ ދޭވީވަނީ ބުނެފައެވެ. އަންބެއްގެ ހައިސިއްޔަތުން އެ އާދަތައް ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ ކަމަށް މި އިންޓަވިއުގައި ނީލާވަނީ ބުނެފައެވެ.

ޝައްމީގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިން ބެލުމުގެ ޒިންމާ ނީލާ ދެވީ ނެގުމަށް ފަހު ޝައްމީއާ އެކު އިތުރު ކުއްޖަކު ހޯދުމުގެ ޚިޔާލު ވެސް ނީލާ ވަނީ ދޫކޮށްލާފައެވެ. ޝައްމީ އެ ކަމާ ބެހޭ ގޮތުން ވާހަކަދެއްކި ނަމަވެސް ނީލާގެ އެ ނިންމުމަށް ޝައްމީ އިހްތިރާމު ކުރި ކަމަށް 82 އަހަރުގެ ނިލާ ބުނެފައިވެއެވެ.

ކައިވެނީގެ ކުރިން ޝައްމީ ކަޕޫރު ލޯބީގެ ގޮތުން ގުޅުނު ފަރާތްތަކުގެ މަޢުލޫމާތު ނީލާއާއި ހިއްސާކުރި ކަމަށާއި އޭގެ ތެރޭގައި ކުރީގެ ބަތަލާ ނޫޓަން ހިމެނޭ ކަމަށް މި އިންޓަވިއުގައި އެކްޓަރުގެ އަންހެނުންވަނީ ބުނެފައެވެ.

ޝައްމީ ކަޕޫރު 2011ގައި ނީލާއާއި ވަކިވި ނަމަވެސް ކަޕޫރު ޢާއިލާގެ ހުރިހާ ކުދިން ވެސް އަދި ޝައްމީގެ ދެ ކުދިންގެ ފަރާތުން ވެސް ލޯތްބާއި އަޅާލުން އަބަދު ވެސް ލިބޭ ކަމަށް ނީލާ ވަނީ ހާމަކޮށްފައެވެ. ހާއްސަކޮށް ކަޕޫރު އާއިލާގެ ޒުވާން ފިލްމީ ތަރިންނަށް ލިބިފައިވާ މަޝްހޫރު ކަމާ އެކު ވެސް ޢާއިލާ ތެރޭގައި އެކަކު އަނެކަކަށް އޮންނަ ލޯތްބާއި އިޙްތިރާމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ނީލާވަނީ ބުނެފައެވެ.