30 Apr 2023, 09:11
މިދިޔަ މަހު ސިނަމާތަކަށް ގެނެސްދިން ކާމިޔާބު ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އަށް ފަހު އިތުރު ފިލްމަކަށް ބަތަލާ ރާނީ މުކަރްޖީ ތައްޔާރުވެއްޖެއެވެ.
މި ފިލްމު ޚާއްޞަވާ އަނެއް ސަބަބަކީ ފިލްމު ޑައިރެކްޓް ކުރުމުގެ ތޮފި މި ފަހަރު އަޅަނީ ގިނަ ލަވަތައް ކޮރިއަގްރާފް ކޮށްދީފައިވާ ހުނަރުވެރި ވައިބަވީ މާޗެންޓްއަށްވުމެވެ. ކުޑަ ބަޖެޓަކުން އުފައްދާ މި ފިލްމަކީ ޔަޝް ރާޖް ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ.
ފިލްމާ ބެހޭ ތަފުސީލު އާއްމުކޮށްފައިނުވާއިރު މިއީ ވައިބަވީ މަޗެންޓްގެ އަލަތު ޑައިރެކްޝަން ވެސް މެއެވެ. ބަތަލާ ރާނީ މުކަރްޖީގެ ވަރަށް ގާތް ރަޙްމަތެރިއެއް ކަމަށްވާ ވައިބަވީއަކީ ޔަޝް ރާޖް ފިލްމްސްގެ ވަރަށް ގިނަ ފިލްމުތަކަށް ކޮރިއަގްރާފަރުކަން ކޮށްދީފައިވާ ފަރާތެކެވެ.
މީގެ އިތުރުން ޓެލެވިޒަން ޝޯވްތަކުން ފަނޑިޔާރެއްގެ ގޮތުގައި ވެސް ވައިބަވީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ސްޓާ ޕްލަސްގެ "ނަޗް ބަލިޔެ3"، "ޖަލަކް ދިކްލާޖާ ސީޒަން 3" އަދި "ޒަރަ ނަޗްކޭ ދިކާ2" ހިމެނެއެވެ.
ވައިބަވީއަކީ ކާމިޔާބު ފިލްމު "ހަމް ދިލްދޭ ޗުކޭ ސަނަމް"ގެ މަޝްހޫރު ލަވަ 'ޑޮލި ތާރޯ ޑޮލި ބާޖޭ' ލަވައިން ޤައުމީ އެވޯޑު ވެސް ހޯދާފައިވާ ފަރާތެކެވެ. މި ފިލްމާ ބެހޭ ވާހަކަ ދެއްކުން ތަންކޮޅެއް އަވަސް ކަމަށް ޔަޝް ރާޖް ފިލްމްސްއިން ވާހަކަ ދެއްކި ފަރާތަކުން ވަނީ ބުނެފައެވެ.
މި ފިލްމު ނޫނަސް ބަތަލާ ރާނީ މުކަރުޖީ މަސައްކަތްކުރަން ނިންމާފައިވާ އިތުރު ފިލްމުތަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް އެ ފިލްމުތަކުގެ ތަފުސީލު އަދި ދެވެން ނެތް ކަމަށް އެ ފަރާތުންވަނީ ބުނެފައެވެ.
ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"ގެ ކުރިން ބަތަލާ ފެނިފައިވަނީ ކެރިއަރުގެ ކާމިޔާބު ފިލްމު "ބަންޓީ އޯރް ބަބްލީ2"އިންނެވެ. ފިލްމީ ކެރިއަރުގެ ކުރީކޮޅު ވެސް ރީތި ފިލްމުތައް ގެނެސްދިން ބަތަލާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ހިޗްކީ"، "މަރްދާނީ" އަދި "ބްލެކް" ފަދަ ފިލްމުތައް ހިމެނެއެވެ.
ޔަޝް ރާޖް ފިލްމްސްގެ ހިންގުމާ ހަވާލުވެހުރި ކުޅަދާނަ ޑައިރެކްޓަރު އަދިތްޔަ ޗޯޕްރާއާއި ކައިވެނި ކުރުމަށް ފަހު ބަތަލާވަނީ ކުޅޭ ފިލްމުތަކުގެ އަދަދު މަދުކޮށްފައެވެ. ހާއްސަކޮށް މަންމައަކަށް ވުމަށް ފަހު ބަތަލާގެ ގިނަ ވަގުތު ހުސްކޮށްފައިވަނީ ދަރިފުޅު އަދީރާއަށެވެ.