ސްޕެއިންގެ ބާސެލޯނާއަށް އަނބުރާ ލިއޮނެލް މެސީ ގެނެވޭނެ ގޮތެއް ހޯދުމަށް ލަލީގާއާ މަޝްވަރާކުރިކަން އެކްލަބުގެ ކޯޗު ޒަވީ ހެނާންޑޭޒް ކަށަވަރުކޮށްދީފިއެވެ.

ހިލޭ ޓްރާންސްފާއެއްގައި 2021 ވަނަ އަހަރު ބާސާ ދޫކޮށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް މެސީ ދިޔަ ފަހުން ބާސާ އިން މިހާރު ދަނީ އަލުން އޭނާ އަނބުރާ އެކްލަބަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމާ ބާސާގެ ކޯޗު ޒަވީ ވެސް މިވަނީ ވާހަކަދައްކައިފައެވެ.

"އެއީ ތެދެއް، ބާސާ އިން ވަނީ ލަލީގާއާ މަޝްވަރާކޮށްފައި. އެކަމަކު އެއީ ހަމައެކަނި މެސީ ގެނައުމުގެ ވާހަކަތަކެއް ނޫން. އަހަރެމެން މަސައްކަތްކުރާނަން އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަކުރަން. އެކަމަކު މިހާރު އަހަރެމެންނަށް އެންމެ މުހިންމީ ލީގު ކާމިޔާބުކުރުން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޒަވީ ބުންޏެވެ.

ޒަވީ ބުނީ ކުޅުންތެރިން ހޯދުމުގެ ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށާއި ނަމަވެސް ވާނެ ގޮތެއް އެނގޭނީ ފަހުން ކަމަށެވެ. ނަމަވެސް އަލަށް ހޯދާ ކުޅުންތެރިންނާ ބެހޭގޮތުން ވާހަކަދައްކާނީ ފަހުން ކަމަށް އޭނާ ބުންޏެވެ.

ބާސާއަށް މިހާރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ ދަރަނީގެ މައްސަލައެވެ. އެކަމާ ގުޅިގެން ބާސާއަށް ވަނީ އާ ކުޅުންތެރިން ހޯދުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވެފައެވެ.

މިސީޒަނުގެ ސްޕެނިޝް ލަލީގާގައި އެންމެ ފަހުން ބާސާ އިން ކުޅުނު މެޗުތަކެއްގައި ޕޮއިންޓުތަކެއް ގެއްލުނު ނަމަވެސް، އެޓީމު އަދިވެސް އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައެވެ. ބާސާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު މިހާރު އޮތީ 11 ޕޮއިންޓްގެ ފަރަގެކެވެ.