ޔަޝް ރާޖް ފިލްމްސްއިން 2004ވަނަ އަހަރު ގެނެސްދިން އެކްޝަން ފިލްމު "ދޫމް" ސިލްސިލާގެ ފަހު ފިލްމުން އެކްޓަރު ޖޯން އަބްރަހަމް ފެންނާނެކަމަށް ނޫސް ރިޕޯޓުތަކުން ބުނެފިއެވެ. ޖޯން ވިލެންއެއްގެ ރޯލްއިން މިފިލްމުގެ ފުރަތަމަބައިން ފެނުނުނަމަވެސް ފަހުން ގެނެސްދިން ދެ ބައިގެ ވިލެން ރޯލް ކުޅެފައިވަނީ އެހެން ތަރިންނެވެ. އެއީ ދެވަނަ ބައިން އެކްޓަރު ރިތިކް ރޯޝަން އަދި ތިންވަނަ ބައިން އާމިރު ޚާންއެވެ.

ޖޯން އަބްރަހަމްގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ "ދޫމް"ގެ ހަތަރުވަނަ ފިލްމުން ޖޯން ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މިފިލްމުގެ ވިލެންގެ ރޯލްއިން ޝާހްރުކް ޚާން ފެނިދާނެކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ. ޔަޝް ރާޖް ފިލްމްސް އަދި ޖޯން އަބްރަހަމްގެ ފަރާތުންވެސް މިކަމާގުޅޭގޮތުން ވާހަކަ ދައްކާފައެއްނުވެއެވެ. ފިލްމު "ދޫމް"ގެ ވާހަކަ މީޑިއާއިން ތިލަކޮށްފައިވާއިރު ޖޯންއަކީ މިއަހަރު ބޮޑު ކާމިޔާބީއެއް ހޯދި ޔަޝް ރާޖް ފިލްމްސްގެ "ޕަތާން"ގެވެސް ވިލެންއެވެ. މިފިލްމުގައި ޖޯންއާއި ޝާހްރުކްގެ ބޮޑެތި ކުރިމަތލުންތަކެއް ދެއްކިއިރު ދެ ތަރިންގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށްބޮޑަށްވަނީ ކަމުގޮސްފައެވެ. ދާދިފަހުން ޖޯން އަބްރަހަމް ޔަޝް ރާޖް ފިލްމްސްގެ އޮފީހުގެ ބައްދަލުވުންތަކަކަށް ހާޒިރުވެފައިވާކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ. މި ބައްދަލުވުންތަކަކީ މިފިލްމާ ގުޅޭގޮތުންކަމެއް ނުވަތަ ފިލްމު "ދޫމް"ގެ ހަތަރުވަނަ ބަޔާއިބެހޭގޮތުން ކުރިއަށްދާ މަޝްވަރާތައްކަމެއް އަދި ކަށަވަރެނުވެއެވެ.

ޔަޝް ރާޖް ފިލްމްސްއިން މީޑިއާއަށް މަޢުލޫމާތުދިން ފަރާތަކުން ބުނެފައިވަނީ ވިލެން އެއްގެ ރޯލްއަކަށް ޖޯން ހޮވައިފިނަމަ އެއީ ހައިރާންވާންޖެހޭނެ ކަމެއް ނޫންކަމުގައެވެ. ފިލްމު "ދޫމް"ގެ ފުރަތަމަ ބައި ނިންމާލިއިރު ޖޯން އަބްރަހަމް ފިލްމުގައި މަރުވި ކަމެއް ނުވަތަ ނޫންކަމެއް ކްލައިމެކްސްއިން ދައްކާފައިނުވާތީ މިސީރީސްގެ ކޮންމެވެސް އެއް ފިލްމަކުން ޖޯން ފެންނާނެކަމީ ޔަގީންކަމެއްކަމުގައި ރިޕޯޓުތައް ބުނެއެވެ. ޖޯން އެންމެ އަވަހަށް ފެންނާނީ ޕޯސްޓް ޕްރޮޑަކްޝަން މަރުޙަލާގައިއޮތް ފިލްމު "ތެހެރާން"އިންނެވެ.