އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ދިރިއުޅެނީ ޖަލުތަކުގައި އުޅޭ ގައިދީންނަށް ވުރެ ވެސް ހާލުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާނު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވީ، ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުރެ ވޭތުވެދިޔަ ހަތަރުއަހަރާއި ފަސް މަހުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް ކުރި ދަތުރުތަކުގައި ރަށްރަށުގައި އުޅެމުންދާ ފުލުހުންގެ ފަރާތުން އެނގިގެންދިޔަ އެއް ކަމަކީ އެމީހުން ދިރިއުޅެނީ ޖަލުގައި އުޅެމުންދާ ގައިދީންނަށް ވުރެ ވެސް ނިކަމެތި ހާލަތެއްގައި ކަމަށެވެ.

މިގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ފުލުހުން މަސައްކަތްކުރަން ޖެހޭ މާހައުލާއި، ފުލުހުންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތާއި، ނިދަންޖެހޭ ތަނަށް ބަލައިފިނަމަ، ގައިދީންނަށް ވުރެ ދިރިއުޅުމުގެ ހާލަތު ދަށްކަމަށް ބުނެވިދާނެކަމަށް ހޯމް މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.

އިމްރާނު ވިދާޅުވީ ހުރި ދަތިތަކާ އެކު ވެސް ފުލުހުން މަސައްކަތް ކުރަނީ އެ މީހުންގެ ވާޖިބުވީ އެންމެ ފުރިހަމައަށް އަދާކުރުމަށް ކަމަށާއި، މިގޮތުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްދިނުމުގައި ފުލުހުން ދާނީ ކުރިއަށް ކަމަށެވެ.

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ރައީސް އޮފީސް

ހޯމް މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ މަޤާމަށް ވަޑައިގަތުމަށް ފަހު، އެ މަނިކުފާނު އިސްވެ ހުންނަވައިގެން ފުލުހުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް ކުރެވިގެންދިޔަ މަސައްކަތްތަކަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ. އަދި މިއީ މިއަދު ހުރިހާ އެންމެން ވެސް ބަލައިގަންނަން ޖެހޭ ފަދަ މަސައްކަތްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ވޭތުވެދިޔަ ހަތަރުއަހަރާއި ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ބައިބައިވެފައިވާ ފުލުހުންގެ ސަފުތައް އެއްކޮށް، ބަލިކަށިވެފައިވާ ލީޑާޝިޕް ވަރުގަދަކޮށް މާޔޫސްވެ ނާއުއްމީދުވެފައިވާ އެތައް އޮފިސަރުންނާއެކު މިއަދާ ހަމަޔަށް ކުރަންޖެހުނީ ކަނޑުގަދަ ދަތުރެއް. މި ހިސާބަށް އާދެވުނުއިރު، ﷲ ގެ ރަހުމަތާއިއެކު ދަތިތަކާއެކު ވެސް އަމާން އައްސޭރިއެއްގެ މަލަމަތި ފެންނަ ހިސާބަށް މިއަދު އަޅުގަނޑުމެނަށް އާދެވިއްޖެ" ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ރައީސް ސާލިހް ވެރިކަމާއި ހަވާލުވުމަށްފަހު ފުލުހުންގެ މުއައްސަސާއަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ އަދަދު އިތުރުވަމުން އައުމުގެ އިތުރުން ފުލުހުންގެ އިންސާނީވަސީލަތްތައް ތަރައްޤީކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އިމްރާނު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ރައީސް އޮފީސް

މިގޮތުން މި މުއްދަތުގެ ތެރޭގައި ފުލުހުންގެ 6 ހާހަށްވުރެ ތަމްރީނު ޕްރޮގްރާމު ހިންގާފައިވާއިރު، ފުލުހުންގެ ބަޖެޓު ވެސް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.