ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް އެމްޓީސީސީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުންޏަށް ފައިސާ ދީފައި ނުވާތީ ބޮޑު ޖޫރިމަނާއެއްކޮށް އެ ފައިސާ މަސް ދުވަސް ތެރޭގައި ދެއްކުމަށް ހުކުމް ކޮށްފިއެވެ.

މަކުނުދޫ ބޯޅަދަނޑު ލެވަލް ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމިއިރު މަސައްކަތުގެ އަގުގެ ގޮތުގައި ދެ ފަރާތުން އެއްބަސްވެފައި އޮތީ ފަސް ލައްކަ ރުފިޔާއަށެވެ.

އަށް އަހަރު ވެގެން ދިޔައިރު ވެސް އެ ފައިސާ މަކުނުދޫ ކައުންސިލުން ދައްކާފައިނުވާތީ އެމްޓީސީސީން ވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ދައުވާއިން އެނގޭ ގޮތުން އަށް އަހަރު ވެގެން ދިޔައިރު މަކުނުދޫ ކައުންސިލުން އެމްޓީސީސީއަށް ދޫކޮށްފައިވަނީ 75,000 ރުފިޔާއެވެ. ބައިކީ ފައިސާ ދެއްކުމަށް އެދި އެކިފަހަރު މަތިން އެމްޓީސީސީން މަކުނުދޫ ކައުންސިލްގައި އެދުނު ނަމަވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

ދައުވާއަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތު ހަމަވިއިރު ވެސް މަކުނުދޫ ކައުންސިލުން ޖަވާބުދާރީ ވެފައި ނުވާތީ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އެ ކައުންސިލްގެ ޣައިރު ހާޒިރުގައެވެ.

އެގޮތުން އެއްބަސްވެފައިވާ އަގުގެ އިތުރުން އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ ޖުމްލަ އަގުގެ 10 އިންސައްތަ ޖޫރިމަނާގެ ގޮތުގައި ނަގައި ދިނުމަށް ވެސް އެމްޓީސީސީން އެދުނެއެވެ. އެއީ ފަންސާސް ހާސް ރުފިޔާއެވެ.

މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމް ކޮށްފައިވަނީ އެމްޓީސީން އެދުނު ގޮތަށް މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން ނުދައްކާ ހުރި 425,000 ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގައި ފަންސާސް ހާސް ރުފިޔާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

އެކަމާ ގުޅިގެން މަކުނުދޫ ކައުންސިލުން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައެވެ.

އެނގިފައިވާ ގޮތުގައި ފުޓްބޯޅަދަނޑު ތަރައްގީ ކުރުމަށް އެމްޓީސީސީއާ އެކު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފައި އޭރު އެ ރަށުގެ ބަނދުރުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ދަނިކޮށެވެ. އަދި މަސައްކަތުގެ އަގަށްވާ ފައިސާ ޔޫތު މިނިސްޓްރީން ކައުންސިލަށް ދީފައިވާކަން ވެސް ވަނީ އެނގިފައެވެ.

އެ ފައިސާ އަދިވެސް ކައުންސިލްގެ ވަކި އެކައުންޓެއްގައި ހުރިއިރު އެމްޓީސީސީއަށް ފައިސާ ދޫކޮށްފައި ނުވަނީ މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް ބައެއް ލިޔުންތައް އެ ކުންފުނިން ހުށަހަޅާފައިނުވާތީކަން ވެސް ވަނީ އެނގިފައެވެ.