29 Apr 2023, 22:11
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް މުހިންމު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އޭގެތެރެއިން އެންމެ މުހިންމު ބަދަލަކީ އަސްކަރިއްޔާގެ ތެރެއިން ނުކުމެ މުސްތަގިއްލު މަދަނީ ހިދުމަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުން ކަމަށެވެ. އަދި ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަރައްގީއާއި ކުރިއެރުން އެ ޚިދުމަތުން މިހާރު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިކޮށް ތަރައްގީ ކުރުމަކީ އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަން ޖެހޭ ސިޔާސަތެއް ކަން ފާހަގަކުރައްވައި ރައީސް ވަނީ މި ސަރުކާރުން ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރި މަސައްކަތް ތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ރައީސް ޞާލިޙްގެ ސަރުކާރުގައި ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފައިވާއިރު، 100 އަށް ވުރެ ގިނަ ރަށުގައި ނެއިބަހުޑް ޕޮލިސިންގެ ޚިދުމަތް ދެމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އިތުރު 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމް ކުރުމަށް، މިހާރު ކޮންޓްރެކްޓަރުންނާ ސޮއި ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ މި ހިނގާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް. އެކަމަށް ބޭނުންވާ ފުލުހުން މިހާރު ހޯދައި ފިނޭންސް މިނިސްޓްރީއަށް ވަނީ ތަފްސީލް ހަވާލު ކޮށްފައި.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް
މީގެ އިތުރުން ރައީސް ވިދާޅުވީ އަމާޒަކީ ފުލުހުންގެ ތެރޭގައި ޚިދުމަތް ކުރާ ކޮންމެ މީހަކީ އެމީހެއްގެ ޚިދުމަތުގެ ދާއިރާ އާ ގުޅޭ ތަމްރީނާއި ތަމްރީން ހޯދާފައިވާ މީހަކަށް ވުން ކަމަށެވެ. އެގޮތުން ފުލުހުންގެ ތެރޭގައި ވަރަށް ތައުލީމީ ތަޖުރިބާ ކާރު ފުލުހުން މިހާރު ވެސް އެބަތިބިކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ފުލުހުންގެ ތަހުގީގާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ފަހަރު އަންނަ ކަމަށެވެ.
ނަމަވެސް ބައެއް ފަހަރު ތަހުގީގު ލަސްވުމަކީ ތަހުގީގު ބަލިކަށިވާ ސަބަބެއް ކަމުގައި ނުވެދާނެ ކަމަށާއި، ވަގުތު ނެގިޔަސް އަދުލު އިންސާފު ގާއިމް ކުރުމުގައި ފުލުހުން ފަސް ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަހުގީގު ލަސްވެގެން ސުވާލު އުފައްދަފާނެ. ތަހުގީގުގެ ހޯދުންތައް އާންމު ނުކުރާތީ ތަހުގީގު ކުރިއަށް ދާ ގޮތް ނޭންގިގެންވެސް ސުވާލު އުފައްދަފާނެ. އަޅުގަނޑު ހިތުން ބައެއް ފަހަރު ތަހުގީގެއް ލަސްވުމަކީ އެ ތަހުގީގެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފުލުހުންގެ ތަހުގީގުތައް ކުރިއަށް އެ ގެންދަނީ ޕްރޮފެޝަނަލިޒްމގެ އެންމެ މަތީ މިންގަނޑުގައި.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް
މި ރަސްމިއްޔާތުގައި ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުލައާ މެޑަލް ލިބިވަޑައިގެންނެވި ފުލުހުންނަށް ކުލަޔާ މެޑަލް ހަވާލު ކޮށްދެއްވާފައެވެ. މީގެ އިތުރުން، ފުލުހުންގެ 90 ވަނަ އަހަރީދުވަހުގެ "ކޮމެމޮރޭޓިވް ކޮއިން" ވެސް އެ މަނިކުފާނު ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރީ 29 މާރޗް 1933 ގައެވެ. އަސްކަރިއްޔާގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކުރައްވައި، ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުނީ، 1 ސެޕްޓެމްބަރު 2004 ގައެވެ.