29 Apr 2023, 21:40
ކޮންމެ އަހަރު މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް 400 އާއި 500އާ ދެމެދުގެ އަދަދަކަށް އަލަށް މީހުން ވަންނަކަމަށް ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 90ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ އަލަށް ތައާރަފްވާ ތަފާތު ބާވަތްތަކުގެ މަސްތުވާތަކެއްޗާއެކު ޒުވާނުން މި ކަމުގެ ތެރެއަށް ވަންނަ މިންވަރު އިތުރުކަމަށެވެ. އެހެންވެ އެ ކަން ހުއްޓުވުމަށް ފުލުހުންގެ މަސައްކަތް ބައްޓަން ކުރަމުން އަންނަކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ މައުލޫމާތުން އެނގޭ ގޮތުގައި މިއަދު ވެސް މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް އަލަށް 400 އާއި 500އާ ދެމެދުގެ އަދަދަކަށް އެކި އުމުރު ފުރައިގެ މީހުން ކޮންމެ އަހަރަކު ވެސް
ވަންނަމުންދޭ. މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. މިކަންކަން ހައްލުކުރުމަށް ފުލުހުން ހިމެނޭގޮތުން ޖިނާއީ ޢަދުލުގެ ނިޒާމާއި މި މައްސަލައާ ގުޅުން ހުރި ދައުލަތުގައި ހިމެދޭނޭ ހުރިހާ އިދާރާތަކުން އެއް މިސްރާބަކަށް މަސައްކަތްކުރަން ޖެހޭ." ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފާއިތުވި އަހަރު އެކަނި ވެސް 13،000 އަށް ވުރެ ގިނަ ޖިނާއީ މައްސަލަތައް ފުލުހުން ތަހުގީގުކުރިކަމަށެވެ.
ސީޕީ ވާހަކައިގައި، ފުުލުހުންގެ ޚިދުމަތް ރާއްޖޭގައި މެދުކެނޑުމެއް ދެތި ފޯރުކޮށްދެވެމުން އަންނަތާ 90 އަހަރު ފުރުން ރަމްޒުކޮށްދެނީ މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޚިދުމަތްކުރި އެތައް ހާސް ފުލުހެއްްގެ މަސައްކަތްކަމަށެވެ.
ސީޕީ ވިދާޅުވީ ކުށްކުރުމާއި އެ ކަމުގެ ބިރުވެރިކަން އެއްކޮށް ނައްތައިލުމަކީ އެއްްވެސް މުޖުތަމައެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް ކުރެވެން އޮތް ކަމަކީ އެ ފަދަ ނުރައްކާތައް ވީހާ ވެސް މަދުކުރުންކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުން މަސައްކަތްކުރާ ގޮތާއި
އެ މަސައްކަތްތަކަށް އިސްކަންދޭ ތަރުތީބުތަކާއި، ރޭވުންތެރިކަމުގެ ތެރެއިން ފުލުހުންނަށް މުހިންމު ނަތީޖާތަކެއް ނެރެވިދާނެ،" ސީޕީ ވިދާޅުވިއެވެ.
އެއާއެކު މިއަދު ވެސް އެ މުއައްސަސާއާ މެދު ރައްޔިތުން ކުރާ އިތުބާރާއި ގަދަރު މިހާރަށްވުރެ އިތުރުކުރުމަށް ޓަކައި ކުރަން ހުރި މުހިންމު ގިނަ މަސައްކަތްތަކެއް ހުރިކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ކުރަމުން އަންނަ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"2021ވަނަ އަހަރު ރާއްޖޭގައި ކުރިއަށް ގެންދެވުނު ވޯލްޑް ވެލިއުސް ސާވޭގައި ބައިވެރިވި 1039 މީހުދްގެ ތެރެއިން 63 ޕަސެންޓު މީހުން ފުލުހުންގެ މުއައްސަސާއާ މެދު އޮންނަ ޔަގީންކަން ބޮޑުކަމަށް ފާހަގަކޮށްފައިވޭ. އަދި ކޮންމެ ވެސް މިންވަރަކަށް ޔަގީންކަން އޮތްކަމަށް 25 ޕަސެންޓު މީހުން ބުނެފައިވޭ. އަޅުގަނޑު ދެކެނީ މިއީ ލިބުނު ކުރިއެރުމެއްކަމުގައި،" ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ދިގު ތާރީހުގައި އައިސްފައިވާ ތަރައްގީ އާއި ކުރިއެރުން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ދެމުން އަންނަތާ ކިތަންމެ ގިނަ ދުވަސްތަކެއްވީ ނަމަވެސް ގާނޫނީ ހައިސިއްޔަތެއް 2004ވަނަ އަހަރުގެ ލިބުމަކީ މި ޚިދުމަތް އިތުރަށް ތަރައްގީކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.
"1 ސެޕްޓެމްބަރު 2004 ގައި މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުން
ގާއިމްވެެގެން ދިޔުމަކީ ފުލުހުންގެ މަސައްކަތް ޒަމާނީ ގޮތަކަށް ތަރުތީބުކުރަން ލިބިގެން ދިޔަ ފުރުސަތެއް. އަދި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފުލުހުންގެ ޚިދުމަތަަށް ޒިންމާވާ ވަޒީރެއްގެ އިރުޝާދާއި އެހީތެރިކަމާއެކު
ޖަވާބުދާރީވެވޭ ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރާނެ ފުލުހުންގެ ޚިދުމަތެއް ގާއިމުކޮށްދޭ ފުލުހުންގެ އާ ގާނޫނެއް 2021 ގައި ވުޖޫދުވެގެން އައުމަކީ ފުލުހުންގެ މަސައްކަތަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން،" ސީޕީ ހަމީދު ވިދާޅުވިއެވެ.
މިރޭ އޮތް ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ފަސް ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އެރުވިއެވެ. އަދި ހަތް އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ އަރުވައިފައެވެ. އަދި 40 އަހަރު މެދުކެނޑުމެއްނެތި ޚިދުމަތް ކުރެއްވި ހަތަރު އޮފިސަރަކަށް ވެސް ހަނދާނީ ފިލާ ދީފައިވެއެވެ.