29 Apr 2023, 21:37
އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހިންގެ އެދުމުގެ މަތިން، ދަރިވަރުންނަށް ދިވެހި ކިޔަވައިދޭ އޮންލައިން ކުލާސްތަކެއް ދިވެހި ބަހުގެ އެކަޑަމީ އިން މިއަދު ފަށައިފިއެވެ.
ޖުމްލަ 20 ދަރިވަރުން ހިމެނޭ މި އޮންލައިން ކުލާސްތަކަކީ އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހިން އިސްކޮށް ހިންގާ "ވަމާ" ކިޔާ އެސޯސިއޭޝަނެއްގެ އެދުމުގެ މަތިން، ދިވެހި ބަހުގެ އެކަޑަމީ އިން ހިންގާ ކުލާސްތަކެކެވެ. މި ކުލާސްތަކުގައި ތިން ބާވަތެއްގެ ކުލާސްތަކެއް ހިމެނޭ ކަމަށް ދިވެހި ބަހުގެ އެކަޑަމީ އިން މައުލޫމާތު ދެއެވެ.
މިކަމާ ގުޅޭ ގޮތުން "ސަން" އާ ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް، ޑރ. އަޝްރަފް އަބްދުއްރަޙީމް ވިދާޅުވީ އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހީން މިފަދަ އިސްނެގުމެއް ނެގި ކަމީ، ވަރަށް އުފާވެރި ކަމެއް ކަމަށެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން ކުރިއަށް ގެންދާ އޮންލައިން ކުލާސްތައް ފެށުން --- ސަން ފޮޓޯ/ ނާއިލް ހުސެއިން
އަދި އެއީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ދަރީންނަށް ދިވެހި ބަހަކީ މުހިއްމުކަމެއް ކަން އެނގި، ދިވެހި ބަސް ދަސްކޮށްދޭން ފެށުމަކީ އޭގެ ސަބަބުން ދިވެހި ބަސް ނެތި ނުދާނޭ ފަދަ ކަމެއް ކަމުގައި ޑރ. އަޝްރަފް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހި ބަސް ދިރުވުމަށް، އާލާ ކުރުމަށް އަޅުގަނޑުމެންނަށް ލިބުނު ހިތްވަރެއް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
މި ކުލާސްތަކަށް ބަލާއިރު، ތިން ގިންތިއެއްގެ ކުލާސްތަކެއް ހިންގުމަށް އެކަޑަމީ އިން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ފަށާ ކްލާހަކާއި، މެދު ފަންތީގެ ކުލާހަކާއި އަދި އެއަށް ވުރެ އެޑްވާންސް ކްލާހެކެވެ.
ފަށާ ކުލާހުގައި ހިމެނެނީ ދިވެހި ބަހުން އެއްވެސް ގޮތަކަށް ލިޔަން ކިޔަން ނޭނގޭ ދަރިވަރުންނެވެ. މެދު ފަންތީގެ ކުލާހުގައި ކޮންމެ ވެސް ވަރަކަށް ދިވެހި ބަހުން ލިޔަން ކިޔަން ދަންނަ ދަރިވަރުން އުޅޭއިރު، އެޑްވާންސް ކުލާހުގައި އުޅެނީ ދިވެހި ބަހުން ރަނގަޅަށް ލިޔަން އަދި ކިޔަން ވެސް ދަންނަ ދަރިވަރުންނެވެ.
މި ކުލާސްތައް ދަރިވަރުންނަށް ނަންގަވައިދެއްވާނީ ތައުލީމީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މުދައްރިސުން ކަމަށް އެކަޑަމީ އިން މައުލޫމާތުދެއެވެ.
އެކަޑަމީ އިން ބުނީ އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހިންނެކޭ އެއްފަދައިން އެހެން ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ފަރާތުން ވެސް، ދިވެހި ބަސް އުނގެނުމަށް މަސައްކަތް ކުރެއްވުމަކީ އެކަޑަމީ އިން އުންމީދު ކުރާ ކަމެއް ކަމަށެވެ.