30 Apr 2023, 08:29
މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ފިލްމު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ހަންގާ ގޭމްސް"ގެ ޕްރީކުއަލް ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ.
މިއީ ސުޒޭން ކޮލިންސް ލިޔުނު ވާހަކަ ސީރީޒްގެ އެންމެ ފަހުގެ ފޮތަށް ބިނާކޮށް ތައްޔާރުކުރާ ސައިފައި ޑިސްޓޯޕިއަން ފިލްމެކެވެ. ހަންގާ ގޭމްސް ފްރެންޗައިޒްގެ ފުރަތަމަ ފިލްމު 2012ވަނަ އަހަރު ނެރުނު އިރު އެ ދުވަސްވަރަކީ ޑިސްޓޯޕިއަން ފިކްޝަން ފިލްމުތަކުގެ މަގުބޫލުކަން އެންމެ ބޮޑުވި ދުވަސްވަރެވެ.
އެއާ އެކު އެތައް ތަފާތު ޑިސްޓޯޕިއަން ފްރެންޗައިޒްތަކެއް ފެންނަން ފެށިއެވެ. އަދި, ފްރެންޗައިޒްގެ ފަހު ފިލްމު "މޮކިންޖޭ : ޕާޓް 2" ނިމުމާ އެކު ދެން ފެނިގެން ދިޔައީ ޑިސްޓޯޕިއަން ފިލްމުތައް އުފެއްދުން މަދުވަމުން ދިޔަ މަންޒަރެވެ. ނަމަވެސް އަނެއްކާ މި ޖާންރާގެ ފިލްމުތަކަށް ދިރުމެއް ލިބެން އުޅޭ ކަމުގެ އިޝާރާތް މިއޮތީ ކޮށްފައެވެ.
ފްރެންޗައިޒްގެ ޕްރީކުއަލް ފިލްމު "ދަ ބެލާޑް އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް"ގެ ފުރިހަމަ ޓްރެއިލާ ވަނީ ދާދި ފަހުން އާންމުކޮށްފައެވެ. އެންމެ ފުރަތަމަ ފިލްމުތަކުގައި ދައްކާނީ ހަލާކުވެފައިވާ ދުނިޔެއަކަށް ފަހު ހަމަހަމަކަން ގާއިމުކުރުމަށް އެކުލަވާލި އަނިޔާވެރި ވެރިކަމެއްގެ ވާހަކައެވެ. އެ ވެރިކަމުގެ ތެރެއިން އުފެދިގެން އަންނަނީ ޑިސްޓްރިކްޓްތަކަށް ބަހާފައިވާ ގައުމެކެވެ. ޑިސްޓްރިކްޓްތަކުން ކުއްޖަކު ބައިވެރިކޮށްގެން ކޮންމެ އަހަރަކު "ހަންގާ ގޭމްސް" ކިޔައި މުބާރާތެއް ބާއްވައެވެ. ފުރަތަމަ ފިލްމުތަކުން ފެނިގެންދާނީ މި މުބާރާތް ނައްތާލަން މަސައްކަތް ކުރާ ތަނެވެ.
ފްރެންޗައިޒްގެ ޕްރީކުއެލް ފިލްމުގައި ފެންނާނީ އޮރިޖިނަލް ފިލްމުތަކުގައި ވިލަންގެ ރޯލުން ފެނުނު "ކޯނިލިއަސް ސްނޯ" ޒުވާން އިރުގެ ވާހަކައެވެ. އަދި, އޭނާ ވިލަމް އަކަށް ވެގެންދާ ގޮތް މި ފިލްމުން ފެންނާނެއެވެ. ކޯނިލިއަސްގެ ރޯލުން ފެންނާނީ ޓޮމް ބްލައިތުއެވެ.
ފިލްމުގެ އިތުރު ރޯލުތަކުން ވެސް ވަރުގަދަ އެކްޓަރުން ފެނިގެންދާނެއެވެ. އެގޮތުން ފިލްމުގެ އިތުރު ރޯލުތަކުން ރޭޗަލް ޒެގްލާ އާއި ވަޔޯލާ ޑޭވިސް އަދި ޕީޓާ ޑިންްކްލެޖް އާދި ހަންޓާ ޝޭފާ ފަދަ އެކްޓަރުން ފެންނާނެއެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ ނޮވެމްބަރު 17 އިން ފެށިގެންނެވެ.