29 Apr 2023, 14:43
ތެހެރާން (29 އެޕްރީލް 2023): ކުވައިތުން ތެޔޮ ބަރުކޮށްގެން ގަލްފު ކަނޑުއޮޅިން ނުކުތުމަށް ދަތުރުކުރަމުން ދިޔަ މާޝަލް އައިލެންޑްގެ ތެޔޮޓޭންކަރެއް އީރާނުން ހިފެހެއްޓީ އެމެރިކާއިން ދާދިފަހުން އީރާނުގެ ތެލުގެ ޝިޕްމެންޓްތަކެއް އަތުލުމުން އޭގެބަދަލުހިފުމުގެ ގޮތުންކަމަށް ޚަބަރު ފެތުރިއްޖެއެވެ.
އީރާނުގެ ރަސްމީ މަސްދަރަކާ ހަވާލާދީ މެރިޓައިމް ސެކިއުރިޓީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުންނެއްކަމަށްވާ "އަމްބްރީ" ބުނާގޮތުން އީރާނުގެ ކަނޑުގެ ސިފައިން ގަލްފުގެ ކަނޑުއޮޅިއާ ގާތް ހިސާބަކުން މާޝަލް އައިލެންޑްގެ ތެޔޮޓޭންކަރު ހިފެހެއްޓީ އޭގައިހުރީ އެމެރިކާގެ ތެޔޮކަން އީރާނަށް ޔަގީންވުމާ ގުޅިގެން އެމެރިކާއާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުންނެވެ.
މީގެ އަށް ވަރަކަށް ދުވަސްކުރިން އެމެރިކާވަނީ ގަލްފުގެ ބޭރުން ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރެއްގައި ހުރީ އީރާނުގެ ތެޔޮކަން އެނގިގެން އެ ޓޭންކަރު ހިފެހެއްޓުމަށްފަހު އޭގައިހުރި ތެޔޮތައް ބާރުގެ ބޭނުންކޮށްގެން އެމެރިކާގެ ޓޭންކަރަކަށް ބަދަލުކޮށް އީރާނުގެ ތެލުގެ ޝިޕްމެންޓް ކޮންފިސްކޭޓްކޮށްފައެވެ.

އެމެރިކާގެ މަނަވަރަކުން އީރާނުގެ ތެޔޮހުރި ޓޭންކަރެއް ހިފަހައްޓައިގެން ގެންދަނީ
އެމެރިކާ މިކަންކުރީ އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުން މަނާކުރުމަށް އެމެރިކާ އަމިއްލައަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނާއި ބައެއްގައުމުތައް ބޯނުލަނބާތީ އެފިޔަވަޅުތައް ބާރުގެ ބޭނުންކޮށްގެން ތަންފީޒު ކުރުމުގެ ގޮތުންނެވެ. ނަމަވެސް އދ.އިން އީރާނާދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު އެމެރިކާ އެކަހެރިގޮތެއްގައި އީރާނާދެކޮޅަށް ފިޔަވަޅުތަކެއް އަޅައިގެން އެފިޔަވަޅުތައް ގަދަބާރުން ތަންފީޒުކުރަން ދުނިޔޭގެ މާކަނޑުތަކުގައި އެމެރިކާ ސިފައިން ހިންގާ އޮޕަރޭޝަންތައް، އީރާނުން ސިފަކުރަނީ އެމެރިކާ ހިންގާ ކަނޑު ފޭރުމުގެ އަމަލެއްގެ ގޮތުގައެވެ.
ކުވައިތުން ތެޔޮ ބަރުކޮށްގެން ގަލްފު ކަނޑުއޮޅިން ނުކުތުމަށް ދަތުރުކުރަމުން ދިޔަ މާޝަލް އައިލެންޑްގެ ތެޔޮޓޭންކަރު މީގެ ދެތިން ދުވަސްކުރިން އީރާނުން ހިފެހެއްޓީ އެމެރިކާގެ އެ އަމަލަށް ބަދަލުހިފުމުގެ ގޮތުންނެވެ. އީރާނުން، މާޝަލް އައިލެންޑްގެ ތެޔޮޓޭންކަރު ހިފެހެއްޓީ އޭގައި ހުރީ ކުވައިތުން އެމެރިކާ ގަނެފައިވާ ތެޔޮކަން ޖާސޫސީ މައުލޫމާތުގެ އަލީގައި ކަށަވަރުކުރުމަށް ކަމަށް "އަމްބްރީ" ކުންފުނިން ބުނެއެވެ.
އެމެރިކާވަނީ އީރާނުގެ ކަނޑުގެ ސިފައިން މާޝަލް އައިލެންޑްގެ ތެޔޮޓޭންކަރެއް ހިފެހެއްޓުމަށްފަހު އެޓޭންކަރު އީރާނުގެ ބަނދަރަކާ ދިމާއަށް ގެންދިޔަކަމަށްބުނެ އީރާނަށް ވަރަށް ބޮޑަށް ފާޑުކިޔައި އެއީ ކަނޑު ފޭރުމުގެ އަމަލެއްކަމަށް ސިފަކޮށް އީރާނަށް އިންޒާރެއް ދީފައެވެ. އަދި އެޓޭންކަރު ވަގުތުން ދޫކޮށްލުމަށްވެސް އެމެރިކާވަނީ އީރާނަށް އިންޒާރު ދީފައެވެ. ނަމަވެސް އެޓޭންކަރުގައި ހުރީ އެމެރިކާގެ ތެޔޮކަން އެމެރިކާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އީރާނުގެ ކަނޑުގެ ސިފައިން މީގެ ތިން ދުވަސްކުރިން ބުނެފައިވާގޮތުން އެމީހުންވަނީ ގަލްފުގެ ތެރެއިން ދަތުރުކުރަމުން ދިޔަ މާޝަލް އައިލެންޑަށް ނިސްބަތްވާ ތެޔޮޓޭންކަރެއް ހިފަހައްޓާފައެވެ. އެޓޭންކަރު ހިފެހެއްޓީ އެޓޭންކަރު އީރާނުގެ ބޯޓެއްގައި ޖެހި އެކްސިޑެންޓްވުމަށްފަހު އެމައްސަލަ ހައްލުކުރަން އެދުމުން މަޑުނުކޮށް އީރާނުގެ ބޯޓުން އެންގި އެންގުންތަކާ އަޅާނުލައި އެބޯޓު ދަތުރުކުރަން ފެށުމުންކަމަށް އީރާނުގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއް ބުނެއެވެ.

އީރާނުގެ ހަމަލާއެއް އަރާފައިވާ އިސްރާއީލުގެ ތެޔޮޓޭންކެއް
"އަމްބްރީ" ކުންފުނި ބުނާގޮތުން އީރާނުން ނިންމާފައިވަނީ އެގައުމުން ހިފެހެއްޓި ޓޭންކަރުގައިވާ އެމެރިކާއަށް ނިސްބަތްވާ ތެލުގެ ޝިޕްމަންޓް އެއްކޮށް ކޮންފިސްކޭޓް ކުރުމަށެވެ. އެޝިޕްމަންޓް އީރާނުގެ ބޯޓަކަށް ހުސްކުރުމަށްފަހު ޓޭންކަރު ދޫކޮށްލާނެކަމަށް ބެލެވޭކަމަށްވެސް އީރާނުގެ މަސްދަރަކާ ހަވާލާދީ "އަމްބްރީ" ކުންފުނި ބުނެއެވެ.
އީރާނަކީ އެގައުމުގެ ތެލުގެ ވިޔަފާރިއަށް ގޯނާކުރާ ގައުމުތަކުގެ ތެލުގެ ޝިޕްމަންޓްތަކަށް ހުރަސްއެޅުމުގައި މަޝްހޫރު ގައުމެކެވެ. އީރާންވަނީ މީގެ ފަސް އަހަރު ކުރިން ޖިބްރޯލްޓާގެ ކައިރިން އިނގިރޭސިވިލާތުން އީރާނުގެ ތެޔޮޓޭންކަރެއް ހިފެހެއްޓުމުން އޭގެބަދަލުގައި ގަލްފުގެ ސަރަހައްދުން ދަތުރުކުރި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައެވެ.
އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާގެ ކުރަމުންގެންދާކުދި ގޯނާތަކަށްވެސް ހަމަމިގޮތަށް އީރާނުން އެތައް ފަހަރަކު ރައްދުދީފައިވެއެވެ. އިސްރާއީލުވެސް އީރާނުގެ ތެޔޮޓޭންކަރުތަކަށް ދޭތެރެއަކުން ހަމަލާދޭތީ އޭގެ ރައްދުގައި އީރާންވަނީ ފާއިތުވި އަހަރުތަކުގައި ޑްރޯން ބޭނުން ކޮށްގެން އިސްރާއީލުގެ ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތަކެއް ގަލްފާއި ރަތްކަނޑު ފަދަ ސަރަހައްދުތަކުގައި ދަތުރުކުރަނިކޮށް އެޓޭންކަރުތަކަށް ހަމަލާތައް ދީފައިވެއެވެ.