ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީއިން ބާސެލޯނާއާއި ދެކޮޅަށް މިރޭ ނުކުންނައިރު، އެޓީމުގެ ފަސް ކުޅުންތެރިއަކަށް ސަސްޕެންޝަނުގެ ބިރާއި ކުރިމަތިލާން ޖެހިފައިވާކަމަށް ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމަޓެއޯ ބުނެފި އެވެ.

ބާސާގެ ނޯކޭމްޕް ސްޓޭޑިއަމްގައި ސެމީގެ ދެވަނަ ލެގަށް ބާސާއާއި ދެކޮޅަށް ނުކުންނައިރު، ޗެލްސީއަށް އޮތް އެންމެ ބޮޑު އެއްފައިދާއަކީ އެކުލަބުގެ އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާ ކުޅުނު ސެމީގެ ފުރަތަމަ ލެގުން 1-0 ލަނޑުން މޮޅުވުމެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ މިރޭގެ މެޗަށް ޗެލްސީއިން ނުކުންނާނީ ގިނަ ލަނޑުތަކެއް ކާމިޔާބުކުރުމަށްވުރެ ޑިފެންސް ކުރުމަށް ކަމަށެވެ.

ޗެލްސީގެ ސާބިއާ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗްއަށާއި، ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިޒަށާއި، އިނގިރޭސި ޑިފެންޑަރު އޭޝްލީ ކޯލްއަށާއި، ބްރެޒިލް މިޑްފީލްޑަރު ރަމިރޭސް އަދި ޕޯޗުގަލް މިޑްފީލްޑަރު ރައުލް މެރީލޭސްއަށް ރީނޑު ކާޑެއް ދައްކާފައި އޮތުމުން އެފަސް ކުޅުންތެރިން މިމެޗަށް ނުކުންނާނީ ސަސްޕެންޝަނުގެ ބިރާއިއެކު އެވެ. އެކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ދައްކައިފިނަމަ، ފައިނަލަކު ނުކުޅެވޭނެ އެވެ.

"މުހިންމީ ފައިނަލަށްވުރެ މިމެޗާއިމެދު ވިސްނަން. ޗެލްސީގެ ފަސްކުޅުންތެރިއަކަށް ރީނދޫކާޑުވަނީ ދައްކާފައި. އޭގެން ކުޅުންތެރިއަކަށް އިތުރު ރީނދޫ ކާޑެއް ލިބިއްޖެނަމަ، އެއީ ހަމަގައިމުވެސް ލިބޭނެ ގެއްލުމެއް. ނަމަވެސް އަހަރެމެން މިމެޗުގައި ބޮޑަށް ބަލާނީ އެކަމަށްވުރެ މިމެޗާއި މެދު. މިޓީމަކީ ވަރަށް ރަނގަޅު ފެންވަރެއް ހުރި ޓީމެއް. ރަށުން ބޭރުގައިވެސް މޮޅުވެވިދާނެކަން ކުރިންވެސް މިޓީމުވަނީ ސާބިތުކޮށްދީފަ. އަދި އެކަން މިރޭގެ މެޗުން ތަކުރާރުވެސް ކުރެވިދާނެ." ޗެލްސީގެ ކޯޗު ޑިމަޓެއޯ ބުންޏެވެ.

ބަޔާން މިއުނިކްގެ އަމިއްލަ ދަނޑުކަމަށްވާ އާލިއާންޒް އެރީނާ ސްޓޭޑިއަމްގައި އަންނަމަހު 19 ވަނަ ދުވަހު ކުޅޭ ފައިނަލުން ޖާގައެއް ބޭނުންނަމަ، އެންމެފަހު ޗެމްޕިއަން ބާސާއަށް މިރޭ ޗެލްސީއާއި ދެކޮޅަށް ކުޅޭ މެޗުން 2-0 ލަނޑުގެ ނަތީޖާއަކުން މޮޅުވާން ޖެހޭނެއެވެ. އެއްވަރުގެން ނިމުނަސް ފައިނަލުން ޖާގަ ލިބޭނީ ޗެލްސީއަށެވެ.