ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ޗައިނާގެ ފަތުރުވެރިންގެ އަދަދަށް ކުރިއެރުމެއް އައިސް، މި އަހަރުގެ މިހާތަނަށް, ހަތްވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމަށް ޗައިނާ ވެއްޖެއެވެ.

ކޮވިޑުގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު މާކެޓު، ޗައިނާ ހަވްތަނައަށް ޖެހިފައިވާއިރު، ޗައިނާއަށް ވުރެ ކުރީގައި އޮތް އެމެރިކާ އާ ޗައިނާގެ ތަފާތަކީ ގާތްގަޑަކަށް އެންމެ 100 ފަތުރުވެރިންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާ އިން 27،706 ފަތުރުވެރިއަކު ރާއްޖެއަށް އައިސްފައިވާއިރު، ހަވަނައިގައި އޮތް އެމެރިކާ އިން ރާއްޖެއަށް އައިސްފައިވަނީ 27،836 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައުމުގެ މަގާމް އަދިވެސް އޮތި ރަޝިޔާގެ އަތުގައެވެ. އެގޮތުން ޗައިނާއަށް ވުރެ ތިން ގުނަ އިތުރަށް ރަޝިއާއިން ފަތުރުވެރިން އައިސްފައިވާއިރު، މި އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް އައިސްފައިވަނީ 79،166 ފަތުރުވެރިންނެވެ.

ދެވަނައިގައި އޮތް އިންޑިޔާއިން ރާއްޖެއަށް އައިސްފައިވަނީ 71،289 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް ވަނީ 64،063 ފަތުރުވެރިން އައިސްފައެވެ.

މި ހުރިހާ ގައުމުތަކާއެކު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 666،830 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 557،445 ފަތުރުވެރިންނެވެ.

އެހެން ކަމުން މި އަހަރުގެ މި މުއްދަތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު 19 ޕަސެންޓު އިތުރަށް ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

ޗައިނާ މާކެޓަށް ބަލާއިރު، 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ފަތުރުވެރިއަކު އައިސްފައިވެއެވެ.

އެ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. އެގޮތުން އެ އަހަރު ރާއްޖެއަށް 1.9 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައިއިރު މި އަހަރު ވެސް ފަތުރުވެރިންގެ އަދަދު އެހާވަރަށް އަރާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

މި އަހަރު ސަރުކާރުގެ އަމާޒަކީ 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަދި އޭގެ ތެރެއިން މަދުވެގެން އެއްލައްކަ ޗައިނާ ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.