29 Apr 2023, 10:38
ފިލްމީ ކެރިއަރުގައި ކިތަންމެ ކާމިޔާބު މީހަކަށްވިޔަސް ލޯބީގައި މިހާތަނަށް ކުރިމަތިވެފައިވަނީ ނާކީޔާބީއާކަމަށް އެކްޓަރު ސަލްމާން ޚާން ބުނެފިއެވެ.
އިންޑިއާ ޓީވީ އަދި ޒީ ޓީވީގެ ޝޯވް "އާޕްކީ އަދާލަތު"ގައި ހޯސްޓު ރަޖަތް ޝަރްމާ ކުރި ސުވާލުތަކަށް ޖަވާބުދެމުން ސަލްމާން ބުނެފައިވަނީ ބެލުންތެރިންގެ ފަރާތުން ލޯބި އޮހެމުންދިޔަ ނަމަވެސް އަމިއްލަ ހަޔާތުގައި އޭނާ ލޯބީގައި ނާކާމިޔާބުކަމަށް ގަބޫލުކުރާކަމަށެވެ.
މިދުވަސްކޮޅު ހަޔާތުގައި ޚާއްޞަ ބައިވެރިއެއް އެބަހުރިތޯ އެހުމުން ސަލްމާން ބުނީ، ހިތް އެދޭ ފަރާތުންވެސް އެކްޓަރާ މުޚާތަބް ކުރަނީ 'ބާއި' މިނަމުން ކަމަށެވެ. އެހެންވެ ސަލްމާންއަކީ ހުރިހާ ފަރާތެއްގެވެސް 'ބާއި'އަށްވެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. ސަލްމާން ޚާން ބޮލީވުޑްގެ ތަރިންގެ މެދުގައި މަޤުބޫލުވެފައިވަނީވެސް މިނަމުންނެވެ.
ސަލްމާން ޚާން ތަންކޮޅެއްކުރިން "ކޮފީ ވިތް ކަރަން" ޝޯގައި ވާހަކަދައްކަމުން ބުނެފައިވަނީ އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކަ އެއްވެސްވަރަކަށް މީޑިއާއާ ހިއްސާކުރަން ބޭނުންނުވާކަމަށެވެ. ސަލްމާންގެ ލޯބީގެ ހަޔާތާ ގުޅޭގޮތުން އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ބަތަލާ އައިޝްވާރްޔާ ރާއީއާ ދެމެދު އުފެދުނު ލޯބީގެ ގުޅުމުގެ ވާހަކައެވެ. ދެ ތަރިންގެ ގުޅުން ނިމުމަކަށް އައުމާ ހަމައަށްވެސް މިހާތަނަށް ދެ ފަރާތުންވެސް ވަނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކަން ދެކޮޅު ހަދާފައެވެ.
އައިޝްވާރްޔާ ރާއީ ފަހުންވަނީ އަބީޝެކް ބައްޗަންއާ ކައިވެނިކޮށްފައެވެ. އެއަށްފަހު ސަލްމާން އާއި ބަތަލާ ކެޓްރިނާ ކައިފްގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑިއާގައި ފެންމަތިވިނަމަވެސް މި ގުޅުންވެސް މާގިނަ ދުވަހު ދެމިއޮންނަގޮތެއް ނުވިއެވެ. ކެޓްރީނާ މިހާރު ކައިވެނިކޮށްގެން އުޅެނީ އެކްޓަރު ވިކީ ކޯޝަލްއާއެވެ. ކެޓްރިނާއާ ސަލްމާންގެ އާއިލާއާ މިހާރު ވެސް ވަރަށް ގާތް ގުޅުމެއް އޮވެއެވެ.
ދާދިފަހުން ރިލީޒްވި ފިލްމު "ކިސީކާ ބާއި ކިސީކީ ޖާން"އަށްފަހު ސަލްމާން ތައްޔާރުވަމުން އަންނަނީ ކުރިޔަށްއޮތް ފިލްމު "ޓައިގާ3" ރިލީޒްކުރުމަށެވެ. މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ އަޟްޙާ ޢީދު ދުވަހާ ދިމާކޮށެވެ.