އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ފައިދާގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު 4.6 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ސެންޓާ ފޯ އޭސިއާ ޕެސިވިކް އޭވިއޭޝަން (ސީއޭޕީއޭ) އިން އެކުލަވާލި ރިޕޯޓަކުން ބުނެފި އެވެ.

ސިވިލޭވިއޭޝަން ދާއިރާގެ ދިރާސާތައް ކުރާ ސީއޭޕީއޭ އިން ޖީއެމްއާރު ކުންފުންޏާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ރިޕޯޓްގައި ހިމަނާފައިވާ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ތިން މަސް ދަވަހު އައިއެންއައިއޭ އިން އާމްދަނީގެ ގޮތުގައި 49.1 މިލިއަން ރުފިޔާ ލިބި، ޓެކްސް އަށް ކަނޑާ ފައިދާގެ ގޮތުގައި ޖެހިފައި ވަނީ 4.6 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރާ އަޅާބަލާ އިރު މިއަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އާއި ފައިދާ ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

ޖީއެމްއާރުން އޮޕަރޭޓް ކުރާ މައިގަނޑު ހަތަރު އެއާޕޯޓުގެ ތެރެއިން އެންމެ ރަނގަޅު ފައިދާއެއް ލިބޭ އަދި އެއްވަރެއްގައި ފައިދާ ހިފެހެއްޓީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ދިއްލީ އެއާޕޯޓުން އާމްދަނީގެ ގޮތުގައި 42.1 މިލިއަން ޑޮލަރު ލިބި ޓެކްސް އަށް ކެނޑުމުން ފައިދާއެއް ނުލިބުނެވެ. އެ އެއާޕޯޓުން 41.9 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހުނެވެ. އަދި ހައިދަރުއާބާދު އެއާޕޯޓުން އާމްދަނީ އަށް 31.9 މިލިއަން ޑޮލަރު ޖެހި ފައިދާ އަށް 2.2 މިލިއަން ޑޮލަރު ޖެހުނެވެ. އިސްތަންބޫލް އެއާޕޯޓުން ފައިދާ އަކަށް 5.2 މިލިއަން ޑޮލަރު ޖެހުނަސް އެ ފައިދާ ވަނީ މިދިޔަ އަހަރާ އަޅާބަލާ އިރު ދަށަށް ގޮސްފަ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ޖީއެމްއާރަށް ފައިދާ ބޮޑުވަނީ ހިލޭކަހަލަ ގޮތަކަށް އެ ކުންފުންޏަށް އެއާޕޯޓުން ވަންނަ ފައިސާ އިތުރުވުމެވެ. އަދި ބިމުކުއްޔާއި އެހެނިހެން ވެސް ފީތައް ބޮޑުކޮށްގެން ޖީއެމްއާރަށް ރަނގަޅު ފައިދާއެއް ލިބޭކަން ވަނީ ފާހަގަކޮށްފަ އެވެ. ޖީއެމްއާރުން ލަފާކޮށްފައިވާ ގޮތުން މި ކުއާޓާގައި މާލޭ އެއާޕޯޓުގެ ޓްރެފިކް ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ.

ޖީއެމްއާރު ގްރޫޕް ޗެއާމަން ޖީއެމް ރާއޯއާ ހަވާލާދީ ރިޕޯޓުގައި ބުނެފައި ވަނީ މާލޭ އެއާޕޯޓުން ލިބޭ ފައިދާ އިތުރުވެ، ޖީއެމްއާރުގެ މިއަހަރުގެ އާމްދަނީ 1.8 ބިލިއަން ޑޮލަރާ ހަމައަށް އަރާނެ ކަމަށެވެ. އެ ކުންފުނީގެ އާމްދަނީ މި ކުއާޓާގައި 406.9 މިލިއަން ޑޮލަރަށް އަރަ އެވެ.

ނަމަވެސް ޖީއެމްއާރުގެ އެއާޕޯޓް ސެކްޓާގެ ދަރަނި ވަނީ ދެ ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ސީއޭޕީއޭ އިން ލަފާކުރަނީ ރާއްޖޭގެ، އައިއެންއައިއޭގެ ޑިވަލޮޕްމަންޓް ކުރިއަށްދާތީ އެ ކުންފުނީގެ ދަރަނި އިތުރުވާނޭ ކަމަށާއި ދަރަނިތައް ހަލާސްކުރަން ފަސް އަހަރާއި ހަތް އަހަރު ވަރު ނަގާނޭ ކަމަށެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ޖީއެމްއާރުން އަންނަނީ އެ ކުންފުނީގެ އެއާޕޯޓްތަކުގެ ހިއްސާ އާންމުކޮށް ވިއްކުމަށް ހުޅުވާލަން ގަސްތުކުރަމުންނެވެ. ޖީއެމް ރާ އޯ އާ ހަވާލާދީ ރިޕޯޓުގައި ބުނަނީ 2016 ވަނަ އަހަރުގެ ތެރޭގައި ހިއްސާ ވިއްކަން ފެށޭވަރުވާނޭ ކަމަށެވެ. އަދި އެ ކުންފުނިން އިތުރު އެއާޕޯޓްތަކެއް ހޯދުމަށް ވިސްނަމުން އަންނަ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެއާޕޯޓްތަކުގެ ފައިދާ ޖީއެމްއާރަށް ރަނގަޅު ނަމަވެސް އެ ކުންފުންޏަށް މިދިޔަ ތިން މަސް ދުވަހު ވަނީ 36 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ކުންފުންޏަށް ގެއްލުމާ ކުރިމަތިވީ ދިއްލީ އެއާޕޯޓުން ގެއްލުމާ ކުރިމަތިވުމުން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.