މޮރިޝަސްއާ ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މިއަދު ނިންމި ނިންމުމުގައި ރާއްޖެއިން މިއަދު ހޯދި ކާމިޔާބީއަށް ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދު ތައުރީފް ކުރައްވައިފިއެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަމަށް ބުނެ އެ ގައުމުން ވަކާލާތު ކުރި ސަރަހައްދުން ފަހަތަށް ޖެހުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައިވާ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރި ހޯދުމަކީ ކާމިޔާބެއް ކަމަށެވެ.

އަދި، އޭނާ ވަނީ ރާއްޖެއިން ވަކާލާތު ކުރި ގިނަ ޕޮއިންޓުތައް ރަނގަޅަށް ސާބިތުކޮށްދީ، ރާއްޖެއަށް ކާމިޔާބު ހޯދައި ދެއްވީތީ ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސްގެ ސިޓީފުޅާ އެއްގޮތަށް ކޮސްޓް ރިކަވަރީ ކްލެއިމްސް މޮރިޝަސް އިން ދޫކޮށްލާފައިވާތީ ޑރ. ޝަހީދު ވަނީ އެ މަނިކުފާނަށް ވެސް ތަހުނިޔާ ވިދާޅުވެފައެވެ.

ޑޜ. ޝަހީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައްޔާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިން ވަކިކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބިގެން ދިޔައީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. އުތުރު އައުޓާ ކޮންޓިނެންޓަލް ޝެލްފު މޮރިޝަސްއަށް ހައްގުވާކަން ސާބިތު ކޮށްދެވިފައިނުވާތީ، އެ ގައުމުން އެދިފައިވާ ގޮތަށް ރާއްޖެއާއި މޮރީޝަސް އާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފު ޑީލިމިޓް ނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ގަބޫލުކުރި ނަމަވެސް، އިން ވަކި ކުރުމުގައި ރާއްްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައެއް ނުވެއެވެ.