29 Apr 2023, 10:34
ހިންދީ ސިނަމާގެ އެންމެ ވާދަވެރި ފިލްމު ފެއާ އެވޯޑް ޝޯ ނިމުމާއެކު، އެ ޝޯގައި އެވޯޑްތައް ހައްގުވި ފިލްމީ ތަރިންގެ ނަންތައް މިވަނީ އާންމުވެފައެވެ. ފިލްމީ ދާއިރާގައި މިވަގުތު ތިބި އެންމެ ފުންނާބު އުސް ފިލްމީ ތަރިންނާއި ފަންނާނުންނާއެކު މިއަހަރުގެ ޝޯ ވެސް ބާއްވައިފައިވަނީ ވަރަށް ކުލަގަދަކޮށެވެ.
އެ ހަފުލާގެ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ އެންމެ މޮޅު ބަތަލާގެ އެވޯޑް ހާސިލުކޮށްފައިވަނީ ފިލްމު "ގަންގޫބާއި ކަތިއާވާޅީ"އިން ބަތަލާ އާލިއާ ބަޓްއެވެ. ފިލްމުފެއާގެ އެންމެ މޮޅު ފިލްމުގެ އެވޯޑާއެކު މިފިލްމުން ސަންޖޭ ލީލާ ބަންސާލީއަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑްވެސް ލިބިފައެވެ.
އެފިލްމަށްފަހު މިއަހަރުގެ ފިލްމު ފެއާ އެވޯޑް ޝޯގައި އެންމެ ގިނަ އެވޯޑް ހާސިލުކޮށްފައިވަނީ ފިލްމު "ބަދާއި ދޯ"އެވެ. ފިލްމު ފެއާ އެވޯޑްގެ އެންމެ މޮޅު އެކްޓަރުގެ މަޤާމު ފިލްމު "ބަދާއި ދޯ"އިން ރާޖް ކުމާރް ރާއޯ ހޯދިއިރު ކްރިޓިކުންވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ފިލްމުގެ ބަތަލާ ބޫމީ ޕިޑްނޭކަރްއަށް ދީފައެވެ.
މިފަހަރު ކްރިޓިކުން ހޮވި އެންމެ މޮޅު ބަތަލާގެ އެވޯޑް ދީފައިވަނީ ދެ ބަތަލާއިންނަށެވެ. އެގޮތުން ދެވަނަ ބަތަލާއަކީ ފިލްމު "ބޫލް ބުލައްޔާ2"އިން މޮޅު އެކްޓިންގްއެއް ދެއްކި ތައްބޫއެވެ. ފިލްމު "ބަދާއި ދޯ"އަށްވަނީ ކްރިޓިކްސް އެންމެ މޮޅު ފިލްމުގެ އެވޯޑްވެސް ލިބިފައެވެ.
މީގެއިތުރުން ފިލްމު "ޖުގް ޖުގް ޖިއޯ"އިން އެންމެ މޮޅު ސަޕޯޓިން ރޯލްގެ އެވޯޑް އަނިލް ކަޕޫރަށް ލިބުނުއިރު މިކެޓަގަރީގެ ބަތަލާގެ އެވޯޑް ލިބުނީ "ބަދާއި ދޯ"ގެ ޝީބާ ޗައްދާއަށެވެ.
ފިލްމު "ބަދާއި ދޯ"އަށްވަނީ އެންމެ މޮޅު ވާހަކައިގެ އެވޯޑްވެސް ލިބިފައެވެ. އާލިއާ ބަޓް އެންމެ މޮޅު ބަތަލާގެ އެވޯޑް ހާސިލުކުރިއިރު އާލިއާގެ ފިލްމު "ބްރައްމަސްތުރާ"އަށްވެސްވަނީ އެހެން ކެޓަގަރީތަކުން ހަތަރު އެވޯޑް ލިބިފައެވެ. އޭގެ ތެރޭގައި އެންމެ މޮޅު ލިރިކްސް، އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ، އަދި އެންމެ މޮޅު ވީއެފްއެކްސް ހިމެނެއެވެ.
ފިލްމީ ތަރިންގެ ފޯރިގަދަ ހުށަހެޅުންތައް ދައްކުވައިދޭ މި އެވޯޑް ޝޯވް މިއަހަރު ހޯސްޓްކޮށްފައިވަނީ އެކްޓަރު ސަލްމާން ޚާން އާއި މަނީޝް ޕޯލްއެވެ.