މޮރިޝަސްއާ ދެމެދު ފުށުއަރާފައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖޭގެ މަސްލަހަތު ދިފާއު ކުރެވިއްޖެ ކަމަށާއި، ނިންމުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހައިލުމަށް އިޓްލޮސްއިން މިއަދު ނިންމުމާ ގުޅިގެން ރިފްޢަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ދެކުނުން އިން ކަނޑައެޅިގެން ދިޔަ ދިއުމަކީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަޙައްދު ކަނޑައެޅި ބައިނަލްއަޤްވާމީ ގާނޫނީ ހަމަތަކުގެ މަތީން ރާއްޖެއަށް އެ ސަރަޙައްދުގެ މައްޗަށް ސިޔާދަތީ ހައްގު ލިބިގެން ދިޔަ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލީޑާޝިޕްގެ ދަށުން ރާއްޖޭގެ ގާނޫނީ ޓީމުން އެންމެ އިސްކަމެއް ދީފައިވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް ކަން ފާހަގަކުރައްވައި ރިފްޢަތު ވިދާޅުވީ އެކަން ކާމިޔާބު ކުރެވިއްޖެ ކަމަށެވެ.

މީގެ އިތުރުން، ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާ ކަމަށެވެ. މޮރީޝަސްއަށް ލިބިގެން ދިޔައީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އުތުރު އައުޓާ ކޮންޓިނެންޓަލް ޝެލްފު މޮރިޝަސްއަށް ހައްގުވާކަން ސާބިތު ކޮށްދެވިފައިނުވާތީ، އެ ގައުމުން އެދިފައިވާ ގޮތަށް ރާއްޖެއާއި މޮރީޝަސް އާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފު ޑީލިމިޓް ނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ގަބޫލުކުރި ނަމަވެސް، އިން ވަކި ކުރުމުގައި ރާއްްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައެއް ނުވެއެވެ.