ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި 5،300 ރުފިޔާއަށް ކުޑަކުރަން ނިންމައިފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ މިކަން "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރަން ނިންމާފައިވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް އިތުރު ތަފުސީލެއް ނުލިބެއެވެ. އަދި މިކަމާ ގުޅިގެން ސަރުކާރުން ނުވަތަ ކަމާބެހޭ އިދާރާއަކުން ވެސް ކުލި ކުޑަކުރި ކަން ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރިތޯ ސުވާލުކުރުމުން، އާބަންކޯގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، ކުލި ކުޑަކުރުމަށް މަޝްވަރާކުރުމުގެ ބައްދަލުވުމެއް ސަރުކާރާއި ޕްލޭނިން މިނިސްޓްރީއާ އެކު ކުރިއަށްދާ ކަމަށެވެ. އަދި، އެ މަޝްވަރާތަކަށްފަހު، ހެޔޮ ބަދަލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ފުލެޓުތަކުގެ މިހާރުގެ ކުއްޔަކީ 7،500 ރުފިޔާއެވެ. އަދި، މެއިންޓަނެންސް ފީއާ އެކު 8،500 ރުފިޔާ ކޮންމެ މަހަކު އާބަންކޯއަށް ނަގައެވެ.

ހިޔާ ފުލެޓުތަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭވަރު ބޮޑުވެގެން ގިނަ ބައެއްގެ ކަންބޮޑުވުން މީގެ ކުރިން ތަކުރާރުކޮށް ވަނީ އެ ތަނުގައި އުޅޭ ރައްޔިތުން ފާޅުކޮށްފައެވެ. ނަމަވެސް، އޭރު ސަރުކާރުގެ ޖަވާބަކަށްވީ އެ އަދަދަށް ކުލި ކުޑަކުރެވެން ނެތް ކަމެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ހިޔާގެ 16 ޓަވަރުގައި 7،000 ފްލެޓު ހުރެއެވެ. އެ ވެރިކަމުގައި ހިޔާ ފްލެޓުގެ ކުލީގެ ގޮތުގައި އޭރު ކަނޑައަޅާފައިވަނީ 5،600 ރުފިޔާއެވެ.