އޭސީ މިލާނާ އެކު ދިގު މުއްދަތެއްގައި ހުންނަން ބޭނުންވާކަމުގައި އެކުލަބުގެ ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ. އިބްރަހިމޮވިޗް މިހެން ބުނެފައިމި ވަނީ މިލާން ދޫކޮށް ދާން އުޅޭކަމުގެ ރިޕޯޓްތަކެއް އާންމުވެފައި ވަނިކޮށެވެ.

މިސީޒަނަށް ފަހު މިލާން ދޫކޮށް ސްޕޭނުގެ ރެއާލް މެޑްރިޑަށް އިބްރަހިމޮވިޗް ބަދަލުވާން އުޅޭ ކަމަށާއި އެކުލަބާ އެކު ވާހަކަތައް ކުރިއަށް ގެންދާ ކަމަށް މިރިޕޯޓްތަކުގައިވެ އެވެ. ނަމަވެސް އިބްރަހިމޮވިޗް ވަނީ މިހަބަރުތައް ދޮގުކޮށް އެކަހަލަ އެއްވެސް ޚިޔާލެއް އޭނާ ނުގެންގުޅޭ ކަމަށް ބުނެފަ އެވެ.

"އެއީ ދޮގު ވާހަކަތަކެއް. އަހަރެންނަށް އަންނަ ސީޒަނުގައި އެހެން ކްލަބަކުން ނުފެންނާނެ. އަހަރެން ބޭނުމީ މިލާނުގައި ދިގު މުއްދަތެއްގައި މަޑުކުރަން. މިލާނުންވެސް އަހަރެން ވިއްކާލާކަށް ނޫޅޭ. އެހެންކަމުން އެހުރިހާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް." އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ކުރިން އިންޓަމިލާނަށާއި، ބާސެލޯނާއަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. މިހާތަނަށް އޭނާ އެންމެ ކުރުމުއްދަތަކަށް ކުޅުނީ އެންމެފަހުގެ ޔޫރަޕް އަދި ސްޕޭނުގެ ޗެމްޕިއަން ބާސާއަށެވެ. ދެހާސް ދިހަ ވަނަ އަހަރު ބާސާ ދޫކޮށް މިލާނާއި ގުޅުނު އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ވަނީ މިސީޒަނުގެ ހުރިހާ މުބާރާތެއްގައި 30 ލަނޑު ކާމިޔާބުކޮށްފަ އެވެ.