24 Apr 2012, 12:26
މިހާރު ކުރިއަށްދާ މައިލޯ އިންޓަ ސުކޫލް ވޮލީ މުބާރާތުގެ 19 އަހަރުން ދަށުންގެ އަންހެން ކުދިންގެ ބައިން އިއްޔެ ކުޅުނު މެޗްތައް ގަލޮޅު މަދަރުސާ އާއި އަމީނިއްޔާ އަދި ކ. ގުރައިދޫ މަދަރުސާ އިން ކާމިޔާބުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗް ގަލޮޅު މަދަރުސާ އިން ކާމިޔާބު ކުރީ ސީއެޗްއެސްއީއާ ވާދަކޮށް ދެ ސެޓް އެއް ސެޓުން ނެވެ.
މެޗުގެ ފުރަތަމަ ސެޓް 28-25 އިން ގަލޮޅު މަދަރުސާ ކާމިޔާބުކުރި އިރު، ދެ ވަނަ ސެޓް ސީއެޗްއެސްއީ އިން ކާމިޔާބު ކުރީ 25-22 އިންނެވެ. އަދި ފަހު ސެޓް ގަލޮޅު މަދަރުސާއިން ކާމިޔާބު ކުރީ 15-10 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގަލޮޅު މަދަރުސާގެ މަރިޔަމް އަޒީފާ އެވެ.
އިއްޔެ ކުޅުނު ދެ ވަނަ މެޗް އަމީނިއްޔާ އިން ކާމިޔާބުކުރީ ހިރިޔާ ސުކޫލާ ވާދަކޮށް ސީދާ ދެ ސެޓުން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަމީނިއްޔާގެ އާމިނަތު ރާސިދާއެވެ. އަދި މިބައިގައި އިއްޔެ ކުޅުނު ތިން ވަނަ މެޗް ގުރައިދޫ މަދަރުސާ އިން ކާމިޔާބު މާފަންނު މަދަރުސާ އަތުން ސީދާ ދެ ސެޓް ކާމިޔާބު ކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގުރާދޫ މަދަރުސާގެ ސިޔާނާ ޝާކިރެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު ފިރިހެން ބައިގެ ތިން މެޗް ކާމިޔާބުކުރީ ސީއެޗްއެސްއީ އާއި ވިލާ އިންޓަނޭޝަނަލް ސުކޫލް އަދި ފ. އަތޮޅު މަދަރުސާ އެވެ.