24 Apr 2012, 12:23
މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނާއި ކޯޗް ރޮބާޓޯ މަންޗިނީއާއި މެދު ހިތްހަމަ ޖެހޭ ކަމުގައި އެކުލަބުގެ ވެރިޔާ ޝޭޚް މަންސޫރް ބުނެފި އެވެ. ޝޭހް މަންސޫރު މިހެން ބުނުމުން އެކުލަބުގެ ކޯޗުގެ މަގާމު ގެއްލުމާއި ކުރިމަތިލަމުންދާ މަންޗިނީއަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެވެ.
މިސީޒަނުގެ ކުރީކޮޅުގައި މެންޗެސްޓާ ޔުނައިޓެޑް ވައްޓާލުމަށް ފަހު ބޮޑު ލީޑެއްގައި ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް މެންސިޓީ އަށް ގިނަ މެޗުތަކެއް ނާކާމިޔާބުވުމުން ލީގުގެ ދެވަނަ އަށް ވެއްޓުނެވެ. ނަމަވެސް މެންސިޓީ އިން މިހާރު ވަނީ މެންޔުނައިޓެޑްއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އަންނަ ހަފްތާގެ ހޯމަ ދުވަހު މެންޔުނައިޓެޑާއި މެންސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަށް ލީގު ކަށަވަރުވާނެކަމުގައި ގިނަބަޔަކު ދެކެ އެވެ.
"މެންޔުނައިޓެޑާއި ދެމެދު އޮތީ ތިންޕޮއިންޓްގެ ތަފާތެއް. އެހެންކަމުން އަހަރެމެންނަށް އަދި ލީގު ލިބުމުގެ ފުރުސަތެއް އެބައޮތް. ލީގު ނުލިބުނު ނަމަވެސް ކުޅުންތެރިންނާއި، ކޯޗާއި މެދު ހިތްހަމަޖެހޭ. ޓީމުން މިސީޒަނުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި." ޝޭޚް މަންސޫރު ބުންޏެވެ.
މިސީޒަނުގެ ވަކި ހިސާބަކުން މެންސިޓީ އަށް ގިނަ ނާކާމިޔާބީތަކެއް ލިބެމުންދިއުމާ ގުޅިގެން އެކުލަބުގެ ކޯޗުގެ މަގާމުން މަންޗިނީ ވަކިކޮށް، އެމަގާމަށް ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ގެންނަން އުޅޭކަމުގެ ރިޕޯޓްތަކެއް އާންމުވެފައިވެ އެވެ.