24 Apr 2012, 12:18
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ދިރާގް ދިވެހި ލީގުގެ ފުރަތަމަ މެޗަށް ވީބީ އައްޑޫ އެފްސީން ކުރިމަތި ލުމުގެ ކުރިން، ނިއުއަށް އަލަށް އިންތިހާބުވެ ވަޑައިގެން ތިއްބެވި ބޭފުޅުން ވީބީގެ ކުޅުންތެރިނަށް ކުރި ފޯނުކޯލްތަކާއި ހަދާފައިވާ ޑީލްތަކަށް ކުރިމަގުގައި "ޓެކުލް" ކުރާނެ ކަމަށް ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ކުޅުނު މިމެޗް ނިއުން ކާމިޔާބު ކުރީ، ޗެމްޕިއަން ވީބީއާ ވަދަކޮށް 4-0 ލަނޑުންނެވެ. މެޗުގައި ނިއުއަށް އަލީ އަޝްފާގް (ދަނޑޭ) ތިން ގޯލް ކާމިޔާބު ކޮށްދިން އިރު، އަނެއް ލަނޑު ކާމިޔަބު ކޮށްދިނީ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އެވެ.
ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ރޭ 9:00 އިން 10:00 އަށް ސަން މީޑިއާ ގްރޫޕްގެ ސަންއެފްއެމް ރޭޑިއޯ ޗެނަލްއިން ގެނެސްދޭ "ސަން އެފްއެމް ކުޅިވަރު ޕްރޮގްރާމުގައި" ވާހަކަ ދައްކަމުން ސަތޯ ބުނީ، ދިރާގް ދިވެހި ލީގުގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ވީބީން ނިކުތުމުގެ ކުރިން، މިސީޒަންގައި ނިއުއަށް އަލަށް އިންތިހާބުވި ބޭފުޅުން މެޗު ކުޅުމުގެ ކުރިން ވީބީގެ ކުޅުންތެރިނަށް ކުރި ފޯނު ކޯލްތަކާއި ހަދާފައިވާ ޑީލްތައް، އެރޭގެ މެޗަށްފަހު ދިރާސާ ކޮށްފައިވާ ކަމަށެވެ. އަދި އެކަހަލަ ވިޔާނުދާ، ކުޅިވަރުގެ ރޫހާ ހިލާފްކަންތައްތަކަށް ވީބީން ކުރިމަގުގައި "ޓެކުލް" ކުރާނާނެ ކަމަށް ވެސް ސަތޯ ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ބުންޏެވެ.
"އެހެންވީމަ މިހާ ހިސާބުން ވީބީ އަދި މަޑަކުންނެއް ނޯންނާނެ. އަދި ބައްޔެއްވީމަ އަޅުގަނޑުމެން ރަޖާ ލައިގެން ގޭ ގައެއް ނުވެއްތިބޭނަން. މިއަށް ޓެކުލް ކުރަން އަޅުނޑުމެން ހަމަ ނިކުންނާނަން. މިއަށް ހަމަ ރައްދު ދޭނަން." ސަތޯ ބުންޏެވެ.
ސަތޯ ބުނީ، ލީގު ހުޅުވިމެޗް ބައްލަވާލައްވަން އެރޭ ގަލޮޅު ދަނޑަށް ވަޑައިގެންނެވި ބޭފުޅުންނަށް ފުޓްބޯޅައިގެ އާކުޅިވަރުތަކެއް ފެނިގެން ދިޔައިރު، ހަޑިހުތުރު ބަހުން ކެނޑިނޭޅި އިވެމުންދިޔަ އަޑުތައް އެއްސެވުމަށްޓަކައި އެފްއޭއެމްގެ އިސްވެރިން ދަނޑު މަތީގައި ތިބިނަމަވެސް، އެކަން އެއީ މާބޮޑު ކަމަކަށް މިއަދު ނުހެދުމަކީ ޒިންމާ ނެގުމަށް އެފްއޭއެމް ފަސްޖެހުމުގެ މިސާލެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ފުޓްބޯޅައިގެ ރައީސް ހަމަ ހިނިއައީސްފަ އިން މަންޒަރު އަޅުގަނޑު ދުށިން. އެ މަންޒަރަކީ އަޅުނގަޑަށް ހަޖުމަކުރެވޭނެ މަންޒަރެއް ނޫން. އަދި ހަޖުމްކޮށްލަން އުނދަގޫވި މައްސަލައެއް. ހަމަ ވަރަށް ބޮޑު މައްސަލައެއްވަކި ބަޔަކާ ދިމާލަށް ކެނޑިނޭޅި ހަޑި ހުތުރު ބަހުން މުހާތަބު ކުރަމުން ދިޔައިރުގައި އެއީ ކޮންބައެއް ކަން ވެސް ހަމަ ނޭނގޭ ހާލުގައި ރާއްޖޭގެ އެފްއޭއެމް އެޔޮތީ. އެއްވެސް ޒިންމާއެއް ނެގުމުގެ ބަދަލުގައި." ސަތޯ ބުންޏެވެ.
ސަތޯ ބުނީ، ފުޓްބޯޅައިގައި މިއަށް ވުރެ ޑިސިޕްލިންކޮށް، މިއަށް ވުރެ ރަނގަޅަށް އުޅެން ޖެހޭ ކަމަށާއި މިކަންކަން ކުރެވޭނީ އެންމެން އެކައްޗެއް ކިޔުމުން ކަމަށެވެ.
"ސިޔާސި މައިދާންގައި ތިބޭގޮތަށް އައިސްފައި އެތާ ތިބޭ ގޮތަށް ހަމަ ކުރާހާ ކަންތައްތަކެއް ފުޓްބޯޅައިގެ ތެރޭގައި އުޅޭކަށް އަޅުގަނޑު މެންނެއް ފުރުސަތެއް ނުދޭނަން" ސަތޯ ބުންޏެވެ.