27 Apr 2023, 21:58
ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭ ރައްޔިތުންނަށް ހަދިޔާ ކުރި ކަރަލާއި ކާށި ބަހައި ނިމިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، އުއްޗު ހަދިޔާކޮށްފައިވާ ކަރަލާއި ކާށި، ބަހައި ހުސްވެފައިވާ ކަމަށެވެ. އަދި، އެ ތަކެތި ބެހުމުގެ އެންމެހައި ކަންކަން ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި ތަކެތި ހުސްވިއިރު ވެސް ގިނަ އަދަދެއްގެ މީހުން ކިއުގައި ތިބި ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން މި ތަކެތި ބަހަން ފަށާފައިވަނީ، މިއަދު ހެނދުނު 09:30 އިން ފެށިގެން މާލެ ސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިންނެވެ. މިއަދު ބަހާފައިވަނީ 12 ޓަނުގެ ކަރަލާއި 15،000 ކާއްޓެވެ.
ކާއްޓާއި ކަރާ އާއްމުނަށް ދޫކޮށްފައިވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދިއުމުންނެވެ. ކޮންމެ އައިޑީކާޑަކަށް ދޫކޮށްފައިވަނީ، ދެ ކަރަލާއި ކާށި ޕެކެކެވެ.

އުއްޗު ހަދިޔާކުރެއްވި ކާއްޓާއި ކަރާ ބެހުމުގެ ތެރެއިން-- ފޮޓޯ/ މާލެސިޓީ ކައުންސިލް
މީގެ ކުރިން ވެސް ޗަމްޕާ ބްރަދާސްއިން ވަނީ 35،000 ކާށި ވެސް މާލޭ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ. ޗަމްޕާ ބްރަދާސްއިން މާލޭ ރައްޔިތުންނަށް ކާށި ހަދިޔާ ކުރީ، ރާއްޖޭގެ ގިނަ ރުއްތަކަކަށް ބަލި ޖެހި، ދިވެހި ކާށި ލިބުން އިންތިހާއަށް ދަތި ދަނޑިވަޅެއްގައެވެ. އަދި، އެ ކަމުގެ ސަބަބުން ބާޒާރުގައި ކާށީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ދުވަސްވަރެއްގައެވެ.