މަގުމަތީގެ ޓްރެފިކް ގަވާއިދުގެ އަސާސީ އުސޫލުތައް ކަނޑައެޅިފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ލަފާ ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް، ސައިންސް އެންޑް ސިގްނަލްތަކާ އެއްގޮތްވާ ގޮތުގެ މަތިން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ކޮންސަލްޓަންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968 އާއި ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް އަކީ މަގުމަތީގެ ޓްރެފިކް ގަވާއިދުގެ އަސާސީ އުސޫލުތައް ކަނޑައެޅިފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކެވެ. މި މުއާހަދާގައި ރާއްޖެއިން ވަނީ މި އަހަރު ބައިވެރިވެފައެވެ.

މި މުއާހަދާގައި ބައިވެރިވާ ފަރާތެއްގެ ހައިސިއްޔަތުން ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަށް ހަދާފައިވަނީ އެ މުއާހަދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކޮށް، އަދި އެއްގޮތް ނުވާނަމަ އެއްގޮތް ކުރުމުގެ ގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނު މުރާޖައާ ކުރުމަކީ ރާއްޖެއިން ކޮންމެހެން ކުރަން ލާޒިމުވާ ކަމެކެވެ.

މި ކޮންސަލްޓަންސީގެ މައިގަނޑު މަގްސަދަކީ ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968 އާއި ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް އާ އެއްގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމެވެ.

ޓްރާންސްޕޯޓުގެ އިއުލާނުގައި ވަނީ މި މަސައްކަތަށް ހުށަހަޅަން ބޭނުންވާ މީހުން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން، އެ މިނިސްޓްރީގެ ތިންވަނަ ފަންގިފިލާއަށް ގޮސް، އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިއުލާނުގައިވެއެވެ. އަދި، އަންދާސީ ހިސާބު ފުރިހަމަ ނުވާނަމަ، ބާތިލު ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން، މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތަކުން ދެ މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާ މިނިސްޓްރީއަށް ފައިނަލް ރިޕޯޓް ހުށަހަޅަން ޖެހޭނެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރީކުރާ ދިވެހި ވިޔަފާރިއަށާއި، އަމިއްލަ ފަރުދުންނަށެވެ. އަދި އެފަދަ ފަރާތްތަކަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވެސް ވާންޖެހޭނެއެވެ. ނަމަވެސް އަމިއްލަ ފަރުދުން އިސްތިސްނާ ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ބީލަމެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މަސައްކަތް ހަވާލުކުރެވޭނީ ބީލަމުގައި ދެވިފައިވާ މައުލޫމާތާ އެއްގޮތަށް ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަނުގައި އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށް ކަމަށެވެ.