ނ. ހޮޅުދޫ ކައުންސިލް އިދާރާގެ ބިއްލޫރިތައް ބަޔަކު ތަޅާލައިފި އެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް އަބުދުލް އަޒީޒް އިބްރާހިމް މިއަދު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި އެ ކައުންސިލްގެ ކުޑަދޮރުގެ ބިއްލޫރިތައް ބަޔަކު ތަޅާލަފައި ހުރިކަން އެނގުނީ ސެކިއުރިޓީ އަށް ތިބި މީހުން ޑިއުޓީ ބަދަލު ކުރި ވަގުތުގައި ކަމަށެވެ.

ކައުންސިލަރު ވިދާޅުވީ ބިއްލޫރިތައް ތަޅާލީ ކޮން ބައެއް ކަން ނޭނގޭ ކަމަށާއި ސެކިއުރިޓީ އަށް އެވަގުތު ހުރި މީހާ އަށް ވެސް ނޭނގޭ ކަމަށެވެ.

"ދަންވަރު 12 އާއި 2 އާ ދޭތެރޭ އެކަމެއް ހިނގި ކަމަށް ވަނީ. ސެކިއުރިޓީ އަށް ހުރި މީހާ ބުނީ ޑިއުޓީ ބަދަލު ކުރި ވަގުތުގައި ކަމަށް އެނގުނީ. އެމީހުންނަށް ނޭނގުނީ ކީއްވެ ކަމެއް ނޭނގޭ. ވެދާނެ އެތާ އެވަގުތު ނެތީ ކަމަށް،" ކައުންސިލްގެ ރައީސް އަބުދުލް އަޒީޒް ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ބިއްލޫރިތައް ތަޅާލުން ފިޔަވައި އިތުރު ގެއްލުމެއް ކައުންސިލް އިދާރާއަށް ދީފައިނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ ދަންވަރު އެ މައްސަލަ ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުންގެ ޓީމެއް ހޮޅުދުއަށް ގޮސްފައިވާ ކަމަށެވެ.

މީގެ ދޮޅު އަހަރު ކުރިން ވެސް ވަނީ ހޮޅުދޫ ކައުންސިލް އިދާރާގެ ބިއްލޫރިތައް ތަޅާލާފަ އެވެ. އަދި މިއަހަރު ވަނީ އެ ރަށުގައި ހުރި ދެ ޕާޓީ އޮފީހުގެ ބިއްލޫރިތަކެއް ވެސް ބަޔަކު ތަޅާލާފަ އެވެ.