މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާއަށް ހުޅުވައިލި ނަމަވެސް އެކަށީގެންވާ ތަރުޚީބެއް ނުލިބުމުން އެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ފުލުހުން ބުނީ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މޭ މަހުގެ ހަތްވަނަ ދުވަހުގެ 16:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ އެ މަގާމަށް ކުރިމަތިލުމަށް މި ހިނގާ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް ފޯމް ހުށަހަޅާފައި ނުވާތީ އަލުން ފުލުހުންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލާ ކަމަށެވެ.

މީގެ ކުރިން ކުރި އިއުލާނުގައިވާ ގޮތަށް ފޯމް ހުށަހަޅާފައިވާ ފަރާތްތައް، މި އިއުލާނާއި ގުޅިގެން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށް ފުލުހުން ބުނެއެވެ.

މި ވަޒީފާއަށް، ކުރިމަތިލާ ފަރާތަކީ ކްރިމިނޮލޮޖީ، ކްރިމިނަލް ޖަސްޓިސް، ލޯ، ލޯ އެންފޯސްމަންޓް، މެނޭޖްމަންޓް، ސޯޝަލް ސައިންސް، ސައިކޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޕޮލިޓިކަލް ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތަކީ އުމުރު 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެއެވެ. އަދި، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކު ތެރޭގައި ހިމެނެއެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި ފުލުހުންގެ ތަމްރީނު ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް ކަމުގައި ވާންޖެހެއެވެ.