ކޮވިޑުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭނުންކުރެއްވި އިގުތިސޯދީ "ފޯމިއުލާ" ހޯދަން އެދުނު ގައުމުތައް ފަސް ދުވަސް ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން ފޮރިން މިނިސްޓްރީއަށް އެންގި ނަމަވެސް، މި މައްސަލައާ ގުޅޭ ގޮތުން އައިކޮމްއިން ނިންމިގޮތުގެ ލިޔެކިޔުންތައް ލިބިފައިނުވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން ރައީސް ޞާލިޙު ބޭނުންކުރެއްވި ފޯމިއުލާ ހޯދަން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، އައްޑޫ ސިޓީގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި ރައީސް ޞާލިޙުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވެފައެވެ.

އެ ގައުމުތަކަކީ ކޮބައިކަމާ އެ ގައުމުތަކުގެ ވެރިންގެ ނަން ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނޫހަކުން ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ. ނަމަވެސް އެ މައުލޫމާތު ދިނުމަށް އޭރު ފޮރިން މިނިސްޓްރީން ދެކޮޅުހަދާފައިވާއިރު، އެކަމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އައިކޮމްއިން ވަނީ، އެ މައުލޫމާތު ހިއްސާކުރުމަށް ފޮރިން މިނިސްޓްރީއަށް އަންގާފައެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ބުނީ ކޮވިޑުން އަރައިގަތުމަށްޓަކައި ރައީސް ޞާލިޙު ބޭނުންކުރެއްވި އިގުތިޞާދީ "ފޯމިއުލާ" ހޯދަން އެދުނު ގައުމުތައް ފަސް ދުވަސް ތެރޭގައި ހާމަކުރުމަށް އައިކޮމްއިން އެ މިނިސްޓްރީއަށް އަންގަވާފައިވީ ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން އައިކޮމްއިން ނިންމި ނިންމުމުގެ ލިޔެކިޔުންތައް އެ މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ މައުލޫމާތު ހޯދުމަށް ނޫހަކުން އެދުމުން، އެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް އޭރު އަންގާފައިވާނެ ކަމަށެވެ.

އެ މިނިސްޓްރީން ހާމަކުރިގޮތުގައި އެ މައުލޫމާތު ނުދިނީ، ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ބަދަލުކުރެވޭ މަޢުލޫމާތެއްކަމާއި، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އަދި ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލާރ ރިލޭޝަންސް (1963) ގެ ދަށުން ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ ލިޔެކިޔުން ކަމުގައިވާތީ، ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް އުސޫލުތަކާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ރިއާއަތް ކުރާއިރު ހިއްޞާކުރެވެން ނެތް މަޢުލޫމާތަކަށް ވީމައެވެ.

މިނިސްޓްރީގެ މި ނިންމުމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އައިކޮމްއިން އެ މައުލޫމާތު ހާމަކުރުމަށް ފޮރިން މިނިސްޓްރީއަށް ވަނީ އަންގައިފައެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނުން ނިންމަވާފައިވާ ނިންމުމުގެ ލިޔެކިޔުންތައް އެ އޮފީހުން ފޮރިން މިނިސްޓްރީއަށް ފޮނުއްވާފައިނުވާކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.