ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމުނުއިރު، މަސައްކަތުގެ ބޮޑުބައި ނުނިމޭކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ދައުރުގައި ނިންމައިލެވިފައިވަނީ 38.9 އިންސައްތަ މަސައްކަތެވެ. އެހެންކަމުން، ނުނިމި 61.1 މަސައްކަތް އެބައޮތެވެ.

މަޖިލީހަށް ކުރީ ދައުރުން 20 ބިލެެއް ލިބިފައި އޮތްއިރު މި ދައުރުގައި އަލަށް 11 ބިލެއް ހުށަހެޅުނެވެ. ޖުމުލަ 31 ބިލުގެ ތެރެއިން މަސައްކަތް ނިންމައިލެވުނީ ދެ ބިލުގެއެވެ.

އޭގެ ތެރެއިން ފަސް ބިލެއް ތަޅުމުގައި އޮތްއިރު 24 ބިލެއް އޮތީ ކޮމިޓީގައެވެ. މަޖިލީހަށް މިދިޔަ ދައުރުން 11 ގަރާރު ލިބިފައިވާއިރު، މި ދައުރުގައި 19 ގަރާރެއް ލިބިފައިވެއެވެ. އޭގެ ތެރެއިން ނިމުނީ ހަތް ގަރާރުގެ މަސައްކަތެވެ.

މަޖިލީހުން ޖުމުލަ 92 ސުވާލެއް ވަޒީރުންނާ ކޮށްފައިވާއިރު އޭގެ ތެރެއިން ނިމުނީ 41 ސުވާލެވެ.

މަޖިލީހުގެ މި ދައުރަށް ހުށަހެޅި މުހިންމު ބިލްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުުށަހެޅި އިސްލާހާއި އާންމު އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިތުރުން ކުޅިވަރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ހިމެނެއެވެ.

ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ފަށާނީ މޭ މަހުގައެވެ. އަދި ތިން ވަނަ ދައުރު ފަށާނީ އޯގަސްޓު މަހުއެވެ.