ރާއްޖެއާއި ބުރުންޑީ ސަރުކާރާ ދެމެދުގައި މިއުޗުއަލް އެކްޒެމްޕްޝަން އޮފް ވިސާ ރިކުއާމަންޓްސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި މިއަދު ސޮއިކުރީ ދެ ގައުމުގެ ރައްޔިތުންނަށް އެއް ގައުމު އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަށް ވިސާ ނެތި ދަތުރު ކުރެވޭނެ އެއްބަސްވުމެއްގައި ކަމަށެވެ.

"ރަޝިޔާ، ޔޫއޭއީ އަދި ޗައިނާ ކަހަލަ ބޮޑެތި ގައުމުތަކަށް ވެސް މިހާރު ވިސާނުލައި ދަތުރުކުރެވޭނެ. މިހާރު ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޕާސްޕޯޓަކީ އަޅުގަނޑުމެންގެ ޕާސްޕޯޓް،" އޮފިޝަލް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ބުރުންޑީ ހިމަނައިގެން ރާއްޖެއިން ވިސާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ އަދަދު މި ވަނީ 90 އިން މަތިވެފައެވެ.

ބުރުންޑީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސިންގަލް ނުވަތަ މަލްޓިޕްލް އެންޓްރީ، އެގްޒިޓް ނުވަތަ ޓްރާންސިޓް ވެސް ހިމެނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"އެއްބަސްވުމަށް އަމަލުކުރަން ފަށާނީ 30 ދުވަސް ފަހުން،" އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާއެކު ރާއްޖެއިން ވިސާނެތި އިތުރު ގައުމުތަކަށް ދަތުރުކުރުމަށް ހުއްދަ ހޯދުމުގައި ވެސް ކުރިއެރުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.